ދެކުނު އޭޝިއާ ސަރަހައްދުގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ "މެޓީރިއަލް ފުޓްޕްރިންޓް" އެންމެ ގިނައީ ރާއްޖޭގައި ކަމަށް ޔޫއެންޑީޕީ އިން އެކުލަވާލާފައިވާ އިންސާނީ ތަރައްގީގެ ރިޕޯޓުގައި ބުނެފިއެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ ތިމާވެއްޓާއި ގުދުރަތީ ދުނިޔެއަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ނުހުއްޓިއްޖެނަމަ އިންސާނީ ތަރައްގީ އަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށައި ގުދުރަތީ ވެއްޓާ ދެކޮޅަށް މަސައްކަތްކުރުމުގެ ބަދަލުގައި ގުދުރަތީ ވެއްޓާއެކު މަސައްކަތް ކުރުން މުހިއްމުކަމަށެވެ.
އޭޝިއާ ސަރަހައްދުގައި ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ އެންމެ މަތީ ގައުމަކީ ދިވެހިރާއްޖޭގައި ކަމަށް ވާއިރު އެއީ 14.5 ޓަނެވެ. މި އަދަދަކީ ދުނިޔޭގެ އެވަރެޖް އަދަދު ކަމަށްވާ 12.3 ޓަނަށްވުރެވެސް މަތީ އަދަދެކެވެ.
ބައިނަލްއަގުވާމީ ތަރައްގީ ބަދަލުވެނެގެންދާ ނަތީޖާގެ ގޮތުންނާއި ނެރެވޭ ޕްލެނެޓަރީ-ޕްރެޝާސް އެސްޓެޑް އެޗްޑީއައި ނުވަތަ ޕީއެޗްޑީއައި ގެ ސަބަބުން އިންސާނީ ތަރައްގީގެ އެންމެމަތީ ފަންތިން 50 އަށްވުރެ ގިނަ ގައުމުތައް އުނިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެހެން ކަމުން އޭގެން ދައްކުވައިދެނީ އެގައުމުތަކުގައި ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުކަމާއި، މަތީ މިންވަރަކަށް ތެލަށް ބަރޯސާވެފައި އޮތްކަން ކަމަށްވެސް އެ ރިިޕޯޓުގައި ވެއެވެ.
މި އަހަރުގެ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް އެޗްޑީއައިގައި ހިމެނޭ 189 ގައުމުގެ ތެރެއިން ދިވެހިރާއްޖެ 95ވަނައިގައި އޮތްއިރު، 1990 ވަނަ އަހަރުގެ ފަހުން، ދިވެހިރާއްޖޭގައި މީހުން ދިރިހުންނަ އާންމު އުމުރު 17.4 އަހަރު ވަނީ އިތުރުވެފައިވެއެވެ. އަދި ގްރޮސް ނޭޝަނަލް އިންކަން (ޖީއެންއައި) ބޮލަކަށް ޖެހޭ ނިސްބަތް 132 ޕަސެންޓް އިތުރު ވެފައިވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލައްވާ، ޔޫއެންޑީޕީގެ އެޑްމިނިސްޓްރޭޓާ، އަކިމް ސްޓެއިނާ ވިދާޅުވީ އެއްވެސް ޒަމާނެއްގައި އޮތް މިންވަރަށްވުރެ ބޮޑު ބާރެއް، މިހާރު އިންސާނުންނަށް ދުނިޔޭގެ މައްޗަށް އޮތް ކަމަށެވެ.
އެގޮތުން ކޮވިޑް-19 އާއި ރިކޯޑު މިންވަރަކަށް ދުނިޔެ ހޫނުވުމާއި ހިފެހެއްޓުމެއް ނެތް މިންވަރަކަށް ހަމަހަމަކަން ނެތުމުގެ މައްސަލައިގެ އަލީގައި، ލިބިފައިވާ ބާރުގެ ބޭނުން ކުރަންވީ ކުރިއެރުން މާނަކުރާގޮތް ބަދަލުކުރަން ކަމަށައި އެކަން ކުރެވޭނީ ކާބަން އާއި ވަސީލަތްތައް ބޭނުންކުރާ ނިސްބަތް ސިއްރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދުނިޔެއަށް ފިއްތުންތައް ކުރިމަތިނުކޮށް އިންސާނީ ތަރައްގީ ހާސިލް ކުރެވިފައި ނުވާ ކަމަށާއި އެ ގޯސް ރަނގަޅުކުރާ ފުރަތަމަ ޖީލަކީ މި ޖީލުކަމަށް ވެވިދާނެ ކަމަށެވެ.