ކޮވިޑް-19 މާލެ ސަރަހއްދުގައި ފެތުރެމުންދާތީ، މާލެ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ސަރަހައްދުގައި އިއުލާން ކުރި ކާފިއު އުވާލައިފިއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް މިގެނެވުނު ބަދަލާއެކު މިދިޔަ މަހުގެ 7 ވަނަ ދުވަހު މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރުން ބާތިލްކޮށްފައިވާ ކަމަށެވެ.
ކާފިއު އުވާލާފައިވާއިރު އެޗްޕީއޭއިން ރޭ ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެ އެޖެންސީން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފައެވެ. އެގޮތުން، އެއްފަހަރާ 15 މީހުންނަށް ވުރެ ގިނައިން ބޭރުގައި ނޫޅުމަށް އަންގާފައިވާ އެންގުން އެ އެޖެންސީން ވަނީ ބާތިލުކޮށްފައެވެ. ހަމައެއާއެކު އެ އެޖެންސީން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކުޅިވަރު މުބާރާތްތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ވެސް ވަނީ ދީފައެވެ. އެޗްޕީއޭއިން ބުނެފައި ވަނީ އެ ހުއްދަ ދޭނީ މިމަހު 20 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މީގެ އިތުރުންވެސް އެޗްޕީއޭއިން ވަނީ އިތުރު ލުއިތަކެއްވެސް ދީފައެވެ. އޭގެތެރޭގައި މުހިންމު މަސައްކަތެއްގައި ރަށްރަށަށް ދަތުރު ކުރާއިރު، ޕީސީއާރް ޓެސްޓު ހައްދަން ނުޖެހުމާއި، ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކު ރިސޯޓްތަކަށް ދަތުރު ކުރެވޭ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.
އަދި ކުރުމުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރާތްތަކާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ފަރާތްތަކުން މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރާ ނަމަ ކަޑައެޅިފައިވާ އުސޫލުގެ ދަށުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީން ވާން ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި މާލެ ސަރަހައްދުން ރަށްރަށަށް ދިއުމާއި، ރާއްޖެއިން ބޭރުން އައިސް ރަށްރަށަށް ދިއުމުގައި ވެސް 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.