ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ތެޔޮ އުފުލާ 8.5 މިލިއަން ލީޓަރު ސްޓޯރޭޖްގެ ތެޔޮ ޓޭންކަރު "އަލިހުރަސް" އެސްޓިއޯއިން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ބަދަލުކޮށްފިއެވެ.

"އަލިހުރަސް" ތެޔޮ ޓޭކަރު އެފްއެސްއެމަށް އެސްޓީއޯއިން ހަދިޔާކޮށްފައި ވަނީ އެފްއެސްއެމްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިއަދު ހެނދުނު އެ ކުންފުނިން ބޭއްވި ހަފްލާގައެވެ. މީގެ އިތުރުން އެ ހަފްލާގައި އެސްޓީއޯ އައިފާނު ބިލްޑިންގެ ނަން ވަނީ އެފްއެސްއެމް ބިލްޑިންގެ ނަމަށް ބަދަލު ކޮށް ނަންބޯޑު އިފްތިތާހް ކޮށްފައެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެސްޓީއޯ ގްރޫޕް ސީއީއޯ ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ، 20 އަހަރު ދުވަހުގެ ހިދުމަތަކީ ކުރު މުއްދަތެއް ނޫން ކަމަށާއި، މިހާ ގިނަ ދުވަހު މެދުނުކެނޑި މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ތެޔޮ ޑެލިވާކޮށް، ރާއްޖޭގެ ރަށްތަކުން ކަރަންޓުގެ ހިދުމަތް މެދުނުކެނޑި ހިފަހައްޓާ ކަމީ ފަހުރުވެރިވާން ޖެހޭކަމެއް ކަމަށެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ، މިދިޔަ އަހަރު ވެގެން ދިޔައީ މިހާތަނަށް އެފްއެސްއެމް އިން އެންމެ ބޮޑު ފައިދާއެއް ނެރުނު އަހަރު ކަމަށެވެ. ނަމަވެސް މި އަހަރު ކޮވިޑާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވި ބޮޑު ގޮންޖެހުންތަކުގެ ސަބަބުން، މި އަހަރަށް ކަނޑައެޅި ފައިވާ ލަނޑުދަނޑިތައް ހާސިލް ނުކުރެވުނު ކަމަށް ގަސަމް ވިދާޅުވިއެވެ. އެހެންކަމުން އަންނަ އަހަރަށް ހެދިފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގަދައަޅާ މަސައްކަތްކޮށް ދިނުމަށް މުއައްޒަފުންގެ އަރިހުން ގަސަމް އެދިލެއްވިއެވެ.

މީގެ އިތުރުން އެފްއެސްއެމްގެ މުއައްޒަފުންގެ ޝަކުވާތައް އަޑު އައްސަވައި، މުއައްޒަފުންނަށް އުފާވެރި މަސައްކަތުގެ މާހައުލެއް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތުން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އެފްއެސްއެމްއަށް އެކަށީގެންވާ ވަރުގެ އޮފީސް ޖާގަ ހޯދުމަށް އެސްޓީއޯއާ އެކު މަޗްވަރާ ކޮށްފަިއވާ ކަމަށް އޭނާ ވިދާލުވިއެވެ. އެގޮތުން މިހާރު އެފްއެސްއެމް ހިންގާ އިމާރާތުން އިތުރު 4 ބްލޮކްގެ ޖާގަ އެފްއެސްއެމްއަށް ލިބިފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ކުންފުނީގެ އިދާރީ މަސައްކަތް ކުރާ މުއަޒަފުންނަށް އެއް ތަނެއްގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.

އެ ހަފްލާގައި އަމްރު އާއި ގަސަމްގެ އިތުރުން އެފްއެސްއެމްގެ ޗެއާމަން އަބްދުލް ވާހިދާއި ކުންފުނީގެ ބޯޑު މެންބަރުންނާއި ކުންފުނީގެ މެނޭޖްމަންޓް އަދި ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެފައި ވެއެވެ.

އެ ހަފްލާގައި އެފްއެސްއެމްއަށް 20 އަހަރު ދުވަހު މަސައްކަތް ކުރި 4 މުއައްޒަފަކަށް ހަނދާނީ ފިލާ ދެވުނެވެ. އެފްއެސްއެމްގެ އިޖުތިމާއީ ޒިންމާގެ ދަށުން މިއަހަރު ވެސް ގައުމަށް އިޖުތިމާއީ އަގުހުރި ހިދުމަތް ފޯރުކޮށް ދޭ ޖަމިއްޔާތަކުގެ ތެރެއިން ޖަމިއްޔާއެއް ކަމަށް ވާ "ޖަމިއްޔަތުލް ތަޢާވުން" އަށް ފައިސާގެ އެހީ ވެސް ވަނީ ދީފައެވެ.

އެފްއެސްއެމް ވުޖޫދަށް އައިސްފައި ވަނީ އެސްޓީއޯއާއި އޭރުގެ ވަރަ މޯލްޑިވްސް ހިއްސާވެގެން ޑިސެމްބަރު 8، 2000 ގައެވެ. އެސްޓީއޯގެ ތެޔޮ ރާއްޖޭގެ ކަންކޮޅުތަކަށް ޑިސްޓްރިބިއުޓް ކުރާ ލޮޖިސްޓިކްސް ކުންފުންޏެއްގެ ގޮތުގައި އުފަންވި އެފްއެސްއެމް އަކީ ދިވެހި ރާއްޖޭގައި ތެލުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާގައި ކުރިއަށް ގެންދާ އެއް ކުންފުންޏެވެ.