ހއ. ކެލާގައި ހޯމް ކަރަންޓީންގައި ތިބި ދެމީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

އެ ރަށު ކައުންސިލުން ބުނީ، ހއ ކެލާ ރޭޝަމް ގޭގައި ހޯމް ކަރަންޓީންގައި ތިބި 3 މީހަކު ކޮވިޑް ޓެސްޓު ހެދުމަށް ސާމްޕަލް ނަގާފައިވާ އިރު އޭގެތެރެއިން 2 މީހެއްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެގޮތުން ޕޮަޒިޓިވް ވެފައިވާ ފަރާތަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ކައުންސިލުން ބުނެއެވެ.

ހޯމް ކަރަންޓީނަށް އެރަށަށް މާލެއިން ގޮސް ތިބޭ މީހުންނަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި އަދި އެއީ ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކޮށްފައިވާ ކަމެއް ކަމަށް ކެލާ ކައުންސިލުން ބުނެއެވެ. ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާ ކުރުމަށް ހޯމް ކަރަންޓީން ގައި ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް އެ ކައުންސިލުން އިލްތިމާސް ކުރެއެވެ.

މީގެ ކުރިންވެސް ކެލައިން ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން އެންމެ ފަހުން އެ ރަށުން ޕޮޒިޓިވް ކޭސް އެއް ފެނިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ރަށުން ޕޮޒިޓިވްވެފައި ވަނީ އެއް ގެއެއްގައި ހޯމް ކަރަންޓީން ގައި ތިބި 7 މީހެއްގެ ތެރެއިން ކުޑަ ފިރިހެން ކުއްޖެކެވެ.

މިއަދާ ހަމައަށް އައި އިރު ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،418 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،828 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 535 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 48 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ބަލީގައި ރާއްޖޭއިން 48 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި ހަތް ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.