އިންގާލީ އިންސާފުގެ ގާނޫނު ތަސްދީގު ކުރެއްވުމާއެކު، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރުގެ ފާޑުކިއުން އެ ބިލަށް އަމާޒުވެއްޖެއެވެ.
އާދަމް ޝަރީފް ވިދާޅުވީ، އިންގާލީ އިންސާފުގެ ގާނޫނަކީ، ސަރުކާރު ހިންގާ ކޯލިޝަނުގެ ވެރިން "އަނދަގޮޅި ޖަހައިގެން ގެންގުޅެން" އުފެއްދި ދަންތުރައެއް ކަމަށެވެ. ވެރިކަން ކުރާ ކޮންމެ މީހަކު ޖަލަށް ލުމަށް ހެދި ދަންތުރައެއް ކަމަށެވެ. އަދި އެ ދަންތުރައިން ރައީސް އިބްރާހިމް މުހައްދު ސޯލިހަށް ވެސް ސަލާމަތް ނުވެވޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ބަދަލު ހިފުމުގެ ސަގާފަތް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
އިންތިގާލީ އިންސާފުގެ ގާނޫނަށް އާދަމް ޝަރީގްފެ ފާޑުކިއުން އަމާޒުވެފައި ވާއިރު، އެ ގާނޫނުގެ ދަށުން ބެލޭނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެންބަރު 2018އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ހިނގާފައިވާ ކަންތައްތަކުގެ މައްސަލައެވެ.
އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ކުރީގައި ބަލައި ނިންމާފައިވާ ނުވަތަ ގޮތް ކަނޑައަޅާފައިވާ ހުރިހާ މައްސަލަތަކެއް ނުބެލޭނެއެވެ. އެގޮތުން ދޭދޭ ފަރުދުންގެ މެދުގައި ހިނގާފައި ހުންނަ މުއާމަލާތްތަކާއި ގުޅޭ މައްސަލަތަކުގެ ފައިލު އަލުން ހުޅުވައިގެން ބެލުމަކަށް މި ގާނޫނުން ހުއްދަ ނުކުރާނެއެވެ.
ހަމައެއާއެކު ކޮންމެ ކޮންމެ މައްސަލައެއް އަލުން ބެލުމަކަށް ވެސް މި ގާނޫނު ތަނެއް ނުދެއެވެ. މި ގާނޫނުން ތަން ދޭނީ ހަމައެކަނި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ މައްސަލައެވެ. އެފަދަ މީހުންގެ ވެސް ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާ ނަމަ އެކަމެއްގެ މައްސަލައެވެ.
މި މައްސަލަތައް ބަލާނީ، އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހްސުންނެވެ. އެއީ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހެވެ. އެ އޮފީސް ރައީސް ސޯލިހް ވަނީ އިއްޔެ އުފައްދަވާފައެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުގެ އިހްތިސާސް ހިނގާ މައްސަލަތައް އެ އޮފީހުން ބެލުމުގައި މީގެ ކުރިން، އެކިއެކި މުއައްސަސާތަކުން އެ ވާގިއާތަކުގެ މައްޗަށް ގޮތެއް ކަނޑައަޅާފައިވާ މައްސަލަތަކާ ގުޅިގެން އާ ހެއްކެއް ފެނިއްޖެނަމަ ނުވަތަ ގާނޫނީ އުސޫލެއް ނުވަތަ ގާނޫނީ ނުކުތާއަކަށް ރިއާޔަތްކޮށް، އެ މައްސަލައެއް އަލުން ބަލައި ދިނުމަށް އެދި ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެއެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބަލާ މައްސަލައެއްގައި ހެކިބަސްދޭ ފަރާތްތަކާއި އަނިޔާ ލިބިފައިވާ ފަރާތްތައް ހިމާޔަތްކުރަން ޖެހޭ ހާލަތެއްގައި އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ދިނުން ދައުލަތަށް ލާޒިމުކޮށްފައި ވެއެވެ.