ދިވެހިރާއްޖޭގެ ފާނައިގެ މަސްވެރިކަން ހިންގާ ބަލަހައްޓަން އެކުލަވާލި ޕްލޭން އަމަލު ކުރަން ފަށައިފިއެވެ.

ފިޝަރީޒް މިނިސްްޓްރީން ބުނީ މި ޕްލޭންގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ކުރާ ފާނައިގެ މަސްވެރިކަން ރާވައި ހިންގުމުގެ އިންތިޒާމެއް ގާއިމުކޮށް ޒިންމާދާރު ގޮތެއްގައި ފާނަ މަސްވެރިކަން ބަލަހައްޓަދިނުން ކަމަށެވެ.

އޭގެ އިތުރުން ފާނައިގެ ބާވަތްތަކަށް އަސަރު ކޮށްފާނެ ހަރަކާތްތަށް ބަަލަހައްޓާ މިމަސްވެރިކަމުގެ ފައިދާ ދިގު މުއްދަތަކަށް ދިވެހި ރައްޔިތުންނަށް ލިއްބައި ދިނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި ފާނައިގެ މަސްވެރިކަމާއި ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމުގައި ޝާމިލްވާ ދައުލަތުގެ އިދާރާތަކާއި އެންމެހައި މަސްލަހަތުވެރިންނަށް މަގު ދައްކާ ދިނުން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި ޕްލޭންގެ ދަށުން މެނޭޖްކުރާނެ ބާވަތްތަކަކީ އެޕިނެފެލިނޭ، ސަބްފެމިލީ، ޕާސިފޮމެސް، އޯޑަގެ ސެރަނިޑޭ ފެމިލީ އަށް ނިސްބަތްވާ ފާނައިގެ ބާވަތްތަކާއި އެބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަމުގައި ހިފޭ، ބޭނޭ ނުވަތަ ނެގޭ ކަނޑުގެ އެހެނިހެން ދިރުންތައް ހިމެނޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ހިންގާ ފާނައިގެ ބާވަތްތަކަށް އަސަރުކޮށްފާނެ އެންމެހައި ހަރަކާތްތަކަށް މި ޕްލޭން ހިނގާނެ ކަމަށެވެ.

އޭގެތެރޭގައި ފާނަ މަސްވެރިކަން ކުރުމާއި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމާއި އެކުއަކަލްޗާ ކުރުމާއި ޕްރޮސެސް ކުރުމާއި ގަނެ ވިއްކުމާއި ދިވެހި ރާއްޖެއިން ފާނައިގެ އުފެއްދުންތައް އެކްސްޕޯޓު ކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްލޭންގެ ދާއިރާގައި ހިމެނޭ ހަރަކާތެއް ނުވަތަ އެފަދަ ހަރަކާތަކާ ގުޅުންހުރި ހަރަކާތެއް ހިންގާ މީހުންނަށާއި އުޅަނދު ފަހަރަށާއި ޕްރޮސެސް ކުރާ އަދި އެކްސްޕޯޓު ކުރާ ތަންތަނަށް ވެސް މި ޕްލޭން ހިނގާނެ ކަމަށެވެ.

މި ޕްލޭން މިއަދު އާއްމުކޮށް އަމަލުކުރަން ފަށާފައިވާއިރު، މި ޕްލޭން ވާނީ ރާއްޖޭގެ ފާނަ މަސްވެރިކަން ބެލެހެއްޓުމުގައި މަގު ދައްކައިދޭ މައިގަނޑު އަސާސަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފައެވެ.