ދިވެހިރާއްޖެއާއި އިންޑިއާގެ ބަދަހިކަމަށް، ދޭދޭ ދިފާއީ ގުޅުންތައް ފުޅާ ދާއިރާއެއްގައި ކުރިއަރުވަން ޖެހޭ ކަމަށް އިންޑިއާގެ ދިފާއީ ވުޒާރާއިން ބުނެފިއެވެ.
އިންޑިއާގެ ދިފާއީ ވުޒާރާއިން މިހެން ބުނީ، ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ދިފާއާއާއި ސަލާމަތީ ގުޅުންތައް އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން 2 ގައުމުގެ ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި މިއަދު، ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު އާންމު ކުރި ޕްރެސް ރިލީޒްއެއްގައެވެ.
އިންޑިއާއާއި ދިވެހިރާއްޖެއާއި އިންޑިއާގެ ގާތް، އަހުވަންތަ ގުޅުމަކީ އެކި ދާއިރާތަކަށް ފުޅާވެފައިވާ ގުޅުމެއް ކަމަށާއި، "ފުރަތަމަ އަވަށްޓެރިޔާ"ގެ މަޝްރޫއުގެ ތެރެއިން، ދިވެހިރާއްޖޭގެ ކުރިއެރުމާއި ހަމަޖެހުމާއި ސުލްހަމަސަލަސް ކަމުގެ ބައިވެރިއެއްގެ ގޮތުގައި އިންޑިއާ ދެމި އޮންނާނެ ކަމަށް އިންޑިއާގެ ދިފާއީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީ ސަންޖޭ ޖާޖޫ ވަނީ ވިދާޅުވެފައެވެ.
ދެ ގައުމުގެ އިސް އޮފިޝަލުންގެ ސިލްސިލާ ބައްދަލުވުންތަކަކީ، އިތުރަށް ބަދަހި ވަމުން އަންނަ ގުޅުން އިތުރަށް ވަރުގަދަ ބާރުދޭ ކަމެއް ކަމުގައިވެސް ޖާޖޫ ވަނީ ފާހަގަ ކުރައްވާފައެވެ. މިއަދުގެ މަޝްވަރާތަކުގައި ވާހަކަދައްކަވަމުން އިންޑިއާގެ އޮފިޝަލު އިތުރަށް ވިދާޅުވީ، ދިފާއާއި ސަލާމަތުގެ ދާއިރާއަކީ ދޭދޭ ގުޅުމުގެ މައިގަނޑު އެއް ބަހާ ކަމަށެވެ. މި ގުޅުން އިތުރަށް ވަރުގަދަ ކުރުމުގައި ދިފާއީ ރޮނގުން ބަދަހި ކުރެވޭ ދޭދޭ ގުޅުން ހަރުދަނާ ކުރުމަކީ އިސް ދައުރެއް އަދާ ކުރާ ކަމެއް ކަންވެސް ޖާޖޫ ވަނީ ފާހަގަ ކުރައްވާފައެވެ.
އަމިއްލަ ފައިމައްޗަށް ތެދުވެ އޮތުމުގެ ނަމުގައި އިންޑިއާއިން މިހާރު ތަންފީޒު ކުރަމުން އަންނަ "މޭކް އިންޑިއާ" މަޝްރޫއަށް އިޝާރާތް ކުރައްވަމުން ޖާޖޫ އިތުރަށް ވިދާޅުވީ، މި ޝިއާރައަކީ ހަމައެކަނި އިންޑިއާގެ ސަރަހައްދީ އިމާ ގުޅިފައިވާ ކަމެއް ނޫން ކަމަށާ، އިންޑިއާގެ ދިފާއީ ވެއްޓާ މިކަން ގުޅިގެން ދަނީ، ގުޅި ލާމެހިފައިވާ ބަވަނަވަންތައް ވެއްޓެއްގެ ތެރެއިން ކަމަށެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޖާޖޫ ވިދާޅުވީ، ދެކޮޅު ޖެހޭ ހަރަދެއް ކޮށްގެން ފެންވަރު ރަނގަޅު ތަކެތި އުފައްދަންވީ ހަމަ އެކަނި ދޭސީ ޑިމާންޑަށް ބަލައިގެން ނޫން ކަމަށާ، މިކަން ކުރަންވީ ބައިނަލްއަގުވާމީ ބޭނުންތައްވެސް ފުދޭ މިންވަރަކަށް ކަމަށެވެ. ވަކިން ހާއްސަކޮށް، ރާއްޖެ ފަދަ އެކުވެރި ދައުލަތްތައް މިކަމުގައި ހިމަނަންޖެހޭ ކަމަށްވެސް އިންޑިއާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ދިފާއާ ބެހޭ ސިނާއީ އުފެއްދުންތެރިކަން ފެތުރިފައިވާ ފުޅާ މިންވަރުގެ މައްޗަށްވެސް ޖާޖޫ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިންޑިއާގެ ދިފާއީ ސިނާއަތަކީ ، ދިވެހި ދިފާއީ ބާރުގެ ޑިމާންޑްޓަކަށް ހިދުމަތް ކޮށްދެވޭ ތަނަވަސްކަން ލިބިފައިވާ ސިނާއަތެއް ކަން މިއަދު ގެ ބައްދަލުވުމުގައި އިންޑިއާގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން، އިންޑިއާއަށް ލިބިފައިވާ ގާބިލުކަމާއެކު، ރާއްޖޭގައި ޑޮކްޔާޑުތައް އެޅުމުގެ ކުޅަދާނަކަން އެގައުމުގައި އެބައޮތްކަންވެސް ޖާޖޫ ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖެއާއި އިންޑިއާގެ ބަދަހި ގުޅުމުގެ ތެރޭގައި، ދިފާއީ އިމުގެ ތެރެއިން އެއްބާރުލުން ދިނުމުގެ އަމާޒު ވަރުގަދަ ވަމުން އަންނަ ކަން، ދިވެހި ދިފާއީ ބާރުގެ މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލް ފާހަގަ ކުރެއްވި ކަމަށް އިންޑިއާއިން އާންމު ކުރި ޕްރެސް ރިލީޒްގައި ފާހަގަ ކޮށްފައިވެއެވެ. މި ގުޅުމަކީ، ދޭދޭ ގުޅުމުގެ މުހިންމު އެއް ތަނބު ކަމުގައި ޝަމާލް ވިދާޅުވި ކަމަށްވެސް އިންޑިއާގެ ބަޔާނުގައިވެ.
ދިވެހި ރާއްޖޭގެ ދިފާއުގެ ނިޒާމަށް ބޭނުން ޖެހިފައިވާ ކަންކަން މިއަދުގެ ބައްދަލުވުމުގައި، ދިވެހި ދިފާއީ ބާރު (އެމްއެންޑީއެފް) އިން ހިއްސާކޮށްފައި ވާކަމަށާ، އަދި އެކަމަށް ފޯރުކޮށްދެވޭނެ ހައްލުތަކެއް، އިންޑިއާގެ ދިފާއީ ސިނާއަތުގެ 11 ކުންފުންޏަކުން ފާހަގަ ކޮށްފައި ވާކަމަށްވެސް އިންޑިއާއިން އާންމު ކުރި ނޫސް ބަޔާނުގައިވެއެވެ.
މިއަދު ކުރިއަށް ދިޔަ ވާޗުއަލް ބައްދަލުވުމުގައި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރު ވެސް ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން، ރާއްޖޭގައި ތަރައްގީ ކުރާ ކޯސްޓަލް ސާވޭލަންސް ރޭޑާ ސިސްޓަމަކީ، ދިވެހިރާއްޖެއާއި އިންޑިއާގެ ދިފާއީ ގުޅުމުގެ ބަދަހި ކަމުގެ ރަމްޒެއް ކަމަށް ސުދީރު ވަނީ ވިދާޅުވެފައެވެ.
މަޝްވަރާތައް އިންތިޒާމު ކުރުމުގެ އެއް ބައިވެރިޔާ ކަމަށްވާ ފެޑަރޭޝަން އޮފް އިންޑިއަން ޗޭމްބާޒް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ (އެފްއައިސީސީއައި)ގެ ޗެއާމަން، އެސްޕީ ޝުކްލާ ވަނީ، ދިވެހިރާއްޖެއަކީ، އިސްތިރާޖީ ގޮތުން އިންޑިއާއަށް މުހިންމު އަވަށްޓެރިއެއް ކަމަށް ވިދާޅުވެފައެވެ.
ދިވެހިން އަޅުވެތިވެ ނިމިއްޖެ. ޝަމާލުމެން ލަދެއް ނުގަނޭތަ؟