މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ދުވުންތެރިޔާ، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް ނަސްރުﷲ އަހްމަދުގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖާޒީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަދިޔާ ކުރައްވައިފިއެވެ.

މި މެޑައްޔާއި ޖާޒީ ރައީސް ސޯލިހަށް ހަދިޔާ ކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ނަސްރުﷲ އަހްމަދަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާގެ ރެކޯޑް ހާސިލުކޮށްފައިވާ ދުވުންތެރިޔާއެވެ. އޭނާގެ 60 ވަނަ މެރެތަންއަކީ، 2020 ވަނަ އަހަރު ބޭއްވި ނިއުޔޯކް ލިބާޓީ ރަންއެވެ. އޭގެ ފަހުން ވެސް އިތުރު ފަސް މެރެތަން ނިންމާ، އޭނާ ވަނީ ޖުމްލަ 65 މެރެތަންގައި ދުވެފައެވެ.

ނަސްރުﷲއާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަސްރުﷲ ހޯދާފައިވާ ކާމިޔާބީ ފާހަގަ ކުރައްވާ އެ ކަމަށް މަރުހަބާ ދަންނަވާފައެވެ. އަދި، ނަސްރުﷲގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަހައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ހިތްވަރުދެއްވިއެވެ.

މީގެ އިތުރުން، މެރެތަން މުބާރާތްތަކަށް ތައްޔާރު ވުމުގައި ނަސްރުﷲ އަމަލު ކުރާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މައުލޫމާތު ސާފު ކުރައްވާ، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތް ކުރުމުގައި ދެމި ހުރުމަށް ރައީސް ސޯލިހް ވަނީ އެދިވަޑައިގެންފައެވެ.

ދުވުންތެރިޔާ ނަސްރުﷲގެ 60 ވަނަ މެރަތަންގެ ޖާޒީ ރައީސް ސޯލިހަށް އަރުވަނީ / ފޮޓޯ: ރައީސް އޮފީސް

އެވްރެޖުކޮށް ހަތަރު ގަޑިއިރުގެ ތެރޭގައި މެރެތަން ފުރިހަމަ ކުރާ ނަސްރުﷲގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2019 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ފަސްވަނަ ހިންދުސްތާން މެރެތަންއެވެ. މި މެރެތަން އެއްވަނަ މަގާމުގައި އޭނާ ނިންމާފައި ވަނީ ތިން ގަޑިއިރާއި 29 މިނެޓު 38 ސިކުންތުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މެރެތަންތަކުގައި ދުވުމުގެ އިތުރުން، ނަސްރުﷲ އަކީ މި ދާއިރާއިން މީހުން ބިނާކުރުމުގައި ވެސް މަސައްކަތް ކުރާ މީހެކެވެ. އެގޮތުން، މެރެތަންއާއި ލޯންގް ރަން ފަދަ މުބާރާތްތަކަށް ދިވެހި ދުވުންތެރިން ތަމްރީނު ކުރެއްވުމުގައި ނަސްރުﷲ މުހިންމު ދައުރެއް އަދާކުރެއެވެ. ރާއްޖޭގެ ފުލް-މެރެތަން އަދި ހާފް-މެރެތަންގެ ރިކޯޑު ހާސިލުކޮށްފައިވާ ޝިފާޒު މުހައްމަދާއި، ފަސް ކިލޯމީޓަރުގެ ރެކޯޑު ހާސިލު ކޮށްފައިވާ މުހައްމަދު ރަޝީދު، އެ ކާމިޔާބީތައް ހޯދާފައި ވަނީ ނަސްރުﷲ އެހީތެރިކަމާ އެކުއެވެ.