ސިފައިންގެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހދ.ކުޅުދުއްފުށި އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ކުރިއަށްދާ މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ސިފައިންގެ އާއި ސިފައިންގެ ވަޒީފާ އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން ސިފައިންގެ ވަޒީފާގައި ކުރިއަށް ދެވޭނެ ދާއިރާތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ސިފައިންގެ މަރުކަޒުތަކާއި ސިފައިން ގޭގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މި ޕްރޮގްރާމުގައި ސިފައިންގެ ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެއެވެ. އެމްއެންޑީއެފުން ބުނީ ސިފައިންގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ޖެނުވަރީ 31، 2021 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މިއަދު ކުޅުދުއްފުށީގައި ފެށިގެންދިޔަ މި ޕްރޮގްރާމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއް ރަހީމް އަބްދުއް ލަތީފްގެ އިތުރުން ސާވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގު ބައިވެރިވެވަޑައިގެން، މައުލޫމާތު ދެއްވާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމުގައި ސިފައިންގޭގައި ހުރި ފުރުސަތުތަކާއި ސިފައިންގެ އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާ ދީފައިވާ ކަމަށެވެ.

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުން ކުރިއަށް ދާ ދުވަސްތަކުގައި ކުރިއަށް ގެންދާ މައުލޫމާތު ދިނުމުގެ ހާއްސަ ޕްރޮގްރާމް ކުޅުދުއްފުށީގެ އިތުރުން ހއ.ދިއްދޫ އާއި ހއ.އިހަވަންދޫގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.