ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ރައްކާތެރި ކަމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް މިނިސްޓާ އޮފް ފޮރިން އެފެއަޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގައި ބޭއްވި ރަސްމިއްޔާތަކަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން ދާއިރު، އެފަރާތްތަކުން ރާއްޖޭގެ އިގުތިސޯދީ އަދި އިޖްތިމާއީ ތަރައްގީގައި ވަރަށް ބޮޑު ހިއްސާއެއްވާ ކަމަށެވެ.

އަދި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ރައްކާތެރި ކަމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން ދާނެ ކަމަށެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގާތް ގުޅުން ފާހަގަ ކުރައްވައި، ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި، ސިއްހީ، ދިފާއީ އަދި ތައުލީމީ ދާއިރާއަށް ބަންގްލަދޭޝުން ވަމުންދާ އެހީތެރިކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ޝާހިދުގެ ވާހަކައިގައި ކޮވިޑް-19ގެ ސަބަބުން ރާއްޖެއާއި ބަންގްލަދޭޝްއަށް ވެސް ބޮޑެތި ގެއްލުން ތަކެއް ލިބުނުކަން ފާހަގަ ކުރައްވައި، ބަންގްލަދޭޝްގެ ވިއްސާރަ މޫސުމުގައި މި ދަނޑިވަޅުގައި ދިމާވާ ދަތިތައް އަދި އިތުރުވާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ މި ދަތި ދަނޑިވަޅުގައި ރާއްޖެއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި ފޯރުކޮށް ދިނުމާއި، ބަންގްލަދޭޝްގެ ސިފައިންގެ މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވައި ދިނުމާއި، ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ދަރިވަރުން އަނބުރާ ރާއްޖެ ގެނެސްދިނުން ފަދަ އެހީތެރިކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.