ސިސްޓަމުގައި ޖެހުނު މައްސަލައެއްގެ ސަބަބުން ކޮވިޑް ޓެސްޓު ހައްދަން ސާމްޕަލް ނަގާފައި ތިބި ފަރާތްތަކުގެ ނަތީޖާ ލަސް ވެދާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ޓެކްނިކަލް މައްސަލައެއް ޖެހިގެން އުޅެނީ، އާރްއާރްޓީ އާއި ލެބޯޓްރީން ސާމްޕަލްތައް ރަޖިސްޓްރީ ކުރުމަށް ގެންގުޅޭ ސިސްޓަމުގައި ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް މިހާރު އައިޓީ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ސާމްޕަލް ރަޖިސްޓްރީ ކުރާ ސިސްޓަމުގައި މައްސަލައެއް ޖެހިގެން އުޅޭއިރު، މިއަދު އެޗްޕީއޭއިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނެސްފައެވެ. އެ ބަދަލުތަކުގެ ތެރޭގައި ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ރާއްޖެއިން ބޭރުން އައުމަށްފަހު މާލެ ސަރަހައްދުގައި ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އުސޫލު ވަނީ ބަދަލު ކޮށްފައެވެ.

މި ބަދަލާއެކު، ރާއްޖެއިން ބޭރުން އައުމަށްފަހު މާލެ ސަރަހައްދުގައި ކަރަންޓީނު ވެގެން ތިބި ފަރާތްތައް ވަގުތުން ޓެސްޓު ކުރުމަށްފަހު ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ ޓެސްޓު ހެއްދުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހު އަންގާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިގެ އިތުރުން ވެސް މިއަދު އެޗްޕީއޭއިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތަކަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި، މުހިންމު މަސައްކަތެއްގައި ރަށްރަށަށް ދަތުރު ކުރާއިރު، ޕީސީއާރް ޓެސްޓު ހައްދަން ނުޖެހުމާއި، ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓުގެ ނަތީޖާއާއެކު ރިސޯޓްތަކަށް ދަތުރު ކުރެވޭ ގޮތަށް ވަނީ އުސޫލު ބަދަލުކޮށްފައެވެ.