ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ކުރިމަތިވެފައިވާ ދަތިތައް ހައްލު ކޮށްދިނުމަށް ޖަނާޒާގެ ކަންތައްތައް ރާއްޖޭގައި ހަމަޖައްސައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތާޢިދުކުރައްވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާ އަކީ ރާއްޖެ އަށް ބޭނުންތެރި އަދި އެހާމެ ގާތް އެކުވެރި ގައުމެއް ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް ދެގައުމު އޮންނާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ކަމަށާއި ލަންކާގައި ވެސް ރާއްޖޭގެ މީހުން ވަޅުލާފައިވާ ގަބުރުސްތާނުތައް އެބަހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ލަންކާގައި މަރުވާ މީހުން ރާއްޖެއަށް ވަޅުލުމަށް ގެނައުމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ ލަންކާގައި މަރުވި ދިވެހިން ލަންކާގެ ގަބުރުސްތާނުތަކުގައި ވަޅުލުމުގެ އިންތިޒާމު އެންމެ ކުރީއްސުރެން ފެށިގެން ވެސް ހަމަޖައްސައިދީފައިވާތީ އެކަމަށް އެގައުމުގެ މުސްލިމް ކޮމިއުނިޓީ އަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

އަދި މިއަދު އެ ފަރާތްތަކުން އެހީއަށް ބޭނުން ޖެހިފައިވާ ދަނޑިވަޅުގައި، ދެވެން އޮތް ހުރިހާ އެހީއެއް ރާއްޖެއިން ދޭން ތައްޔާރަށް އޮތް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އެކަމަށް ރައީސް ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ތާއީދު ކުރައްވާފައިވާ ނަމަވެސް އެކަމާ ދެބަސްވެ ވަޑައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނީ ކޮންމެ ގައުމެއްގެ ކޮންމެ ދީނެއްގެ މެހެމާނަކަށް ވެސް ރާއްޖެއިން އުފަލާ އެކު މަރުހަބާ ކިޔާ ބާއްޖަވެރި ހުރުމަކަށް އެދިވަޑައިގެންނެވި ނަމަވެސް ކޮވިޑުގައި މަރުވާ މީހުންގެ ގަބުރު ރާއްޖޭގައި ވަޅުލަން ގެނައުމަކީ ތާއީދު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި ކޮވިޑްގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައި ދިނުމަކީ ދީނީގޮތުން ރާއްޖޭން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށާއި އެކަން ކޮށް ދީފި ނަމަ އެކަން ވާނީ ލަންކާ ސަރުކާރުން އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިތައް އަންދާ، އެންދުމަށް ތާއިދު ކުރުން ކަމަށެވެ.

ހަމައެއާއެކު، ސްރީލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައި ދިނުމުގެ ބަދަލުގައި އިސްލާމީ އުހުއްވަތްތެރިކަމުގެ ރޫހުގައި އެމީހުންގެ ހަށިތައް އަންދާނުލުމަށް ސްރީލަންކާ ސަރުކާރުގައި ދެންނެވުން މާ ރަނގަޅު ވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި ކީރިތި ޤުރްއާނުގައި މުސްލިމުންނަށް މުހާތަބު ކުރައްވާފައި ވަނީ ބުއްދީގެ އަހުލުވެރިންގެ ގޮތުގައި ކަން ފާހަގަ ކުރައްވާ ރައީސް މައުމޫން ވިދާޅުވީ އެކި ކަންކަން ނިންމާއިރު ބުއްދީގެ ބޭނުންކުރުމަކީ ލާޒިމު ކަމެއް ކަމަށެވެ. އެގޮތުން ނައްސަކުން ސާބިތުނުވާ ކޮންމެ ކަމެއް ވެސް ނިންމަން ވާނީ އެކަމެއްގައި ހިމެނޭ ރަނގަޅަށާއި ނުބަޔަށް ބަލާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންގެ ގަބުރުތައް ރާއްޖޭގައި ވަޅުލުމަށް ރައީސް މައުމޫން ތާއިދު ނުކުރައްވާއިރު، ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން ވަނީ އެކަމާ ތާއިދު ކުރާކަން ހާމަކޮށްފައެވެ.

ގިނަ ދީނީ އިލްމުވެރިން އެކަމުގައި ސަރުކާރުގެ ނިންމުމަށް ތާއީދުކުރާ ކަމަށް ވިދާޅުވެފައިވާއިރު، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރުތައް ރާއްޖެ ގެނެސް ވަޅުލާ ޖަނާޒާގެ ކަންތައްތައް ހަމަޖައްސައި ދިނުމަށް އެހީތެރިކަން ހޯދުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައި ވާ ކަމަށް ރާއްޖޭގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މިކަމުގެ މައުލޫމާތު ރައީސް ގޮތަބާޔާގެ ވަޒީރުންގެ މަޖިލީހަށް އެނގިފައި ނުވާކަމަށް ލަންކާ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.