ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ގަބުރު ރާއްޖޭގައި ވަޅުލުމަކީ އެ ގައުމުގެ ސަރުކާރުން ކުރާ ކަންތައްތަކަށް ތާއިދު ކުރުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައި ދިނުމަކީ ދީނީގޮތުން ރާއްޖޭން ކޮށްދޭން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކޮށް ދީފި ނަމަ އެކަން ވާނީ އެ ގައުމުގެ ސަރުކާރުން މުސްލިމުންނާމެދު އަމަލު ކުރަމުން ދާ ގޮތަށް ކުރެވޭ ތާއީދަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވާއިރު، މީގެ ކުރިން ވަނީ، ކޮންމެ ގައުމެއްގެ ކޮންމެ ދީނެއްގެ މެހެމާނަކަށް ވެސް ރާއްޖެއިން އުފަލާ އެކު މަރުހަބާ ކިޔާ ބާއްޖަވެރި ހުރުމަކަށް އެދިވަޑައިގެންނެވި ނަމަވެސް ކޮވިޑުގައި މަރުވާ މީހުންގެ ގަބުރު ރާއްޖޭގައި ވަޅުލަން ގެނައުމަކީ ތާއީދު ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
މިކަމާ ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ކޮވިޑްގައި ލަންކާއިން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައި ވާކަމަށާއި ރާއްޖޭގައި ސްރީލަންކާގެ އެފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައި ދިނުމަށް އެހީތެރިކަން ހޯދުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައި ވާ ކަމަށެވެ.
މިކަމާ އެކި ފަރާތްތަކުގެ މެދުގައި ހިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ. އެގޮތުން ބައެއް ފަރާތްތަކުން މިކަމަށް ތާއިދު ކުރާއިރު ބައެއް ފަރާތްތަކުން ބުނަމުން ދަނީ އިސްލާމީ ނަޒަރަކުން ބެލިއަސް މިއީ ރާއްޖެއިން އަމަލު ކުރަންޖެހޭ ގޮތެއް ނޫން ކަމަށެވެ.
ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު ނައްތާލަނީ އަންދާލައިގެންނެވެ. ނަމަވެސް މިއީ މުސްލިމުންގެ އަގީދާއާ ހިލާފު ކަމެއް ކަމުން، މިކަމުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. ކަން މިހެން އޮތް އިރު، ބޮޑުވަޒީރު ވަނީ، ގާނޫނު ހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މުސްލިމު މެންބަރުންގެ އެއްބާރުލެއްވުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.