މިއަހަރު ގައިދީންނަށް ފައިސާ ފޮނުވޭނެ ފަހު ތާރީހަކީ މިމަހު 29 ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަނުން ބުނީ މި އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ބޭންކިން ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީހަކީ މިމަހު 30 ވާ ބުދަ ދުވަސް ކަމުގައިވާތީ، ގައިދީންނާއި ބަންދު ގައި ތިބި މީހުންގެ އާއިލާތަކުން ޖަމާކުރާ ފައިސާ މިއަހަރަށް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ މިމަހު 29 ކަމަށެވެ.

އެގޮތުން މިމަހު 29 ވާ އަންގާރަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން ފައިސާ ޖަމާކުރުމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ގައިދީންނާއި ބަންދު މީހުންގެ އާއިލާތަކުން އޮންލައިން ޓްރާންސްފާ ކުރުމަށް މިއަހަރަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީހަކީ މިމަހު 24 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކަމަށް ވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ ގައިދީންނާއި ބަންދުގައި ތިބި މީހުންނަށް އާއިލާތަކުން ޖަމާކުރާ ފައިސާ އަލުން ބަލައިގަންނަން ފަށާނީ ޖަނަވަރީ 03، 2021 ވާ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.