ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އާ ދެމެދުގައި ބަހުގެ ހަމަލާތަކެއް ސޯޝަލް މީޑިއާގައި ރައްދު ކުރައްވައިފިއެވެ.

މި ބަހުގެ ހަމަލާތައް ފެށިފައި ވަނީ ރޭގެ ވަގުތެއްގައެވެ. މުސްތަފާ ފުރަތަމަ ކުރެއްވި ޓްވީޓެއް ގައި ވަނީ ގާސިމް އިބްރާހީމް ބޭރު މީހެއްގެ އަތުން ފައިސާ ތަކެއް "ކަޓުވާލި" ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޖަޕާނު މީހެއްގެ އަތުން 15 މިލިއަން ޑޮލަރު ގާސިމް ނަންގަވާފައިވާ ކަމަށް މުސްތަފާ ތުހުމަތު ކުރެއްވިއެވެ. އަދި މި ސަރުކާރާ އެކު ކޯލިޝަން ހައްދަވައިގެން ގާސިމް އުޅުއްވަނީ އެފަދަ ވައްކަންތައް ކުރައްވަން ވެގެން ކަމަށް ވެސް މުސްތަފާ ވިދާޅުވެފައި ވެއެެވެ.

މިކަމަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވެފައި ވަނީ އޭނާއާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް މުސްތަފާ ދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި މުސްތަފާ ކުރެއްވި ޓްވީޓުގައި ބަޔާންކޮށްފައި ވާ ވާހަކަތަކަަކީ އެއްވެސް ހަގީގަތެއް ނެތް "ބުހުތާނު" ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ނުބައި މީހުންގެ ދޮގު ވާހަކަތަކުން މުޅި އިންސާނިއްޔަތު ސަލާމަތް ކުރެއްވުމަށް ގާސިމް ދުއާ ކުރައްވައެވެ.

ގާސިމްގެ މި ޓްވީޓަށް ފަހު މުސްތަފާ ވަނީ ރައްދުދެއްވައި އިތުރު ޓްވީޓެއް ކުރައްވާފައެވެ. މުސްތަފާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، މިހާރު ޖަޕާނުގެ އޭޑީއެކްސް ނަމަކަށް ކިޔާ ކުންފުންޏަކަށް ގާސިމް ކުރެއްވި ޓްވީޓް ފޮނުއްވާފައި ވާނެ ކަމަށެވެ. ރޯ ބުހުތާނު ދޮގު ހައްދަވަނީ ގާސިމް ކަމަށާއި ދޮގު ހައްދަވައިގެން ސަލާމަތް ނުވެވޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ދޮގު ހަދަންޔާ ހުރިހާ ޑޮކިއުމަންޓްތަކެއް ޓްވީތް ކުރާނަން. ގާސިމް ރައްޔިތުންނަށް އޮޅުވާލައިގެން އުޅުނެއް ކަމަކު އެންމެންނަކަށް އޮލޫވައެއް ނުލެވޭނެ" މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ

ހަމައެއާއެކު ބޭރު މީހެއްގެ އަތުން 15 މިލިއަން ޑޮލަރު "ކަޓުވާލި" ކަމުގެ ލިޔެކިޔުންތައް މިހާރު މި ރާއްޖޭގައި ހިންގާ ބައެއް މީޑިއާތަކުގައި ވެސް ހުންނާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި ގާސިމް ދޮގު ހައްދަވަންޏާ ބޭޒާރުކޮށް، ހުރިހާ ލިޔެކިޔުންތައް ޓްވީޓް ކުރައްވާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވިއެވެ.

އެގޮތުން މުސްތަފާ ވަނީ އޭނާ އަތުގައި ޖަޕާނުގެ ފަރާތަކުން ފޮނުވާފައި ހުރި އެކްސެލް ޝީޓްގެ ލިޔެކިޔުމަކާއި ޕީޑީއެފް ފޯމެޓަށް ހުރި އިތުރު ލިޔެކިޔުންތަކެއް ހުރިކަން ދައްކުވައިދޭ ފޮޓޯއެއް ޓްވީޓް ކުރައްވާފައެވެ.

އިތުރަށް މުސްތަފާ ވިދާޅުވީ، 1994 ވަނަ އަހަރު މުސްތަފާ އަތުން 50،000 ޑޮލަރު ގާސިމް "ފޭރިގަން ފައި" ވާ ކަމަށާއި އެ މައްސަލައިގައި ގާސިމް ފުލުހަށް ދާން ޖެހުނީވެސް ދޮގު ހައްދަވާތީ ކަމަށެވެ. އެހެންކަމުން އިތުރަށް ވާހަކަ ދައްކަވަންޏާ ވާނީ އިތުރަށް ބޭޒާރު ކަމަށް މުސްތަފާ ވިދާޅުވިއެވެ.

މީގެ އިތުރުން، މި ރާއްޖޭގައި ސަރުކާރެއް އުފެދޭ އިރަށް ފުރަތަމަވެސް ސަރުކާރު ހޭލުމުގެ ކުރިން ލާރި ގަނޑެއް "ދަމައިގަންނާނެ" ކަމަށް މުސްތަފާ ވިދާޅުވިއެވެ. އެ ގޮތުން މި ސަރުކާރުން ވެސް 167 މިލިއަން ރުފިޔާ "ކާލައިފައި" ވާ ކަމަށާއި ކޯލިޝަން ހަދަން އުޅުއްވީ އެ ބޭނުމުގައި ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.