ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އަދިވެސް އެޗްޕީއޭގެ ހުއްދަ ލިބިފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާޓު ދެއްވަމުން ޝަރީފު ވިދާޅުވީ، އިންތިހާބު ބާއްވަން އެޗްޕީއޭގެ ހުއްދަ އަދިވެސް ލިބިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ވަރަށް އަވަހަށް ހުއްދަ ލިބޭނެ ކަމަށެވެ.

އެގޮތުން އަންނަ ހަފްތާ ތެރޭ ހުއްދަ ލިބޭނެ ކަމަށާއި އިންތިހާބު ބޭއްވުމަށް ހުއްދަ ލިބުމާއެކު ވޯޓަށް ތައްޔާރުވާން ފަށާނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފު މީގެ ކުރިން ވިދާޅުވެފައިވަނީ އިންތިހާބުގެ މަސައްކަތް ފެށުމަށް އަންނަ މަހުގެ 15ގެ ކުރިން އެ ކޮމިޝަނަށް ހުއްދަ ލިބެން ޖެހޭ ކަމަށެވެ.

ނަމަވެސް މިއަދު ޝަރީފް ވިދާޅުވީ އަންނަ ޖެނުއަރީ ފަހެއްގެ ކުރިން ހުއްދަ ލިބުނަސް އިންތިހާބު ބޭއްވޭނެ ކަމަށެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވެފައިވާ ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19އާ ގުޅިގެންނެވެ.

މިހާތަނަށް 99 ފަރާތަކުން ކައުންސިލް އިންތިހާބުގައި ވާދަނުކުރުމަށް ނިންމާ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ. މިހާރު ކައުންސިލް އިންތިހާބުގައި ވާދަކުރަން ތިބީ 2،297 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރާނީ 1،779 ކެނޑިޑޭޓުންނެވެ.

އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މުއްދަތު ދަންމާލުމަށް މަޖިލީހުން ވަނީ ނިންމާފައެވެ.