ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލަ މި އަހަރުގެ ޖެނުއަރީ މަހު އޮރެންޖު ކުލައަށް ބަދަލުކުރަން ފަށާފައިވާ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ހިޔާ ފްލެޓްތަކުގައި ރީނދޫކުލަ ލަމުންދާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އެއްގެ ސަބަބުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެޗްޑީސީން ކުރި ޓުވީޓެއްގައި ބުނީ ހިޔާ ފްލެޓްތަކުގެ ލަނީ ރީނދޫ ކުލަ ނޫން ކަމަށާއި، އެއީ އޮރެންޖުކުލަ ކަމަށެވެ.
އެގޮތުން އެ ފްލެޓްތަކުގެ ކުލަ މިދިޔަ ޖެނުއަރީ މަހު ބަދަލުކުރަން ފަށާފައިވަނީ ފްލެޓްތަކުގެ ކުލަ ފޭދުމުގެ މައްސަލަ ދިމާވެފައިވާތީ ކަމަށްވެސް އެޗްޑީސީ އިން ބުނެއެވެ. އަދި ފްލެޓްތަކުގެ ކުލަލުމުގެ މަސައްކަތް ކުރަމުން އަންނަނީ ކޮންޓްރެކްޓަރުން ކަމަށާއި، އެކަމަށް ސަރުކާރުން ހަރަދެއް ކުރަން ނުޖެހޭނެ ކަމަށްވެސް އެޗްޑީސީން ބުނެެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ފްލެޓްތަކުގައި ލާފައި ވަނީ މަޑު އޮރެންޖް ކުލައެއް ނަމަވެސް މިހާރު ލާން ފަށާފައި ވަނީ ގަދަ ރީންދޫ ކުލައެކެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެފައި ވާއިރު، ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމު ވަނީ ރައީސް ޔާމީނު އަޅުވައި ދެއްވި ފްލެޓުގެ ކުލަ ބަދަލު ކޮށްލުމުން ރައީސް އިބުރާހީމް މުހައްމަދު ސޯލިހުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުނީ ކަމަށް ވާނެ ތޯ ސުވާލު އުފައްދަވާފައެވެ.
އަދި ރައްޔިތުން ބޭނުންވަނީ ފްލެޓްތަކުގެ ކުލަ ބަދަލު ކުރަން ނޫންކަމަށާއި ރައްޔިތުން ބޭނުން ވަނީ ވީހާ ވެސް އަވަހަށް ފްލެޓުގެ ހައްގުވެރިންނަށް އެ ތަންތަނަށް ވަދެވޭނެ ގޮތް ވުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.