މަނަފަރު ރިސޯޓުގައި އިންޖީން ގޭގައި ރޯވި އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ހއ. މަނަފަރު ރިސޯޓް ގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ އެ ރިސޯޓުގައި ހުންނަ އިންޖީން ގޭގައި ކަމަށެވެ. މި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ ރޭގެ ދަންވަރުގެ 3:35 ހާއިރު ކަމަށާއި ރިޕޯޓް ކުރުމުން ހދ. ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ އެމްއެންޑީއެފްގެ ފަޔާ ޓީމް ވަނީ ހަރަކާތްތެރި ވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން އެ އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ ފަތިހު 5:45 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގި ސަބަބު އަދި އެނގިފައެއް ނުވާ އިރު ލިބުނު ގެއްލުން ވެސް ސާފު ވާގޮތެއް ނުވެއެވެ.

މަނަފަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު އިއްޔެ ހެނދުނުވެސް ވަނީ ދޯންނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ތިން މީހަކު ފިހިފައެވެ. އެގޮތުން އިއްޔެ ހެނދުނު 9:00 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ޖިހާދު-1 ނަމަކަށް ކިޔާ ދޯނީގައެވެ. އެ އަލިފާން ނިއްވާލާފައި ވަނީ އެ ދޯނީގެ ފަޅުވެރިންނެވެ.