"ޖިހާދު 1" ދޯނީގައި އަލިފާން ރޯވީ ޕަންޕައް ޕެޓްރޯލް އެޅުމުގެ ތެރޭގައި ކަމަށް އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިން ދޯނިން ވާހަކަ ދެއްކި މީހަކު ބުނެފިއެވެ.
އަލިފާން ރޯވި ދޯންޏަށް އެހީވި "ވިލާ ވާލި 13" ނަމަކަށް ކިޔާ ދޯނިން ވާހަކަ ދެއްކި މީހަކު 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ "ޖިހާދު 1" ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެނގުނީ އެސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް އަނިފާންގަނޑެއް ފެނުމުން، އަލިފާންގަނޑު ފެނުން ހިސާބަށް ދަތުރު ކުރަމުން ކަމަށެވެ.
އެގޮތުން އެ ދޯންޏާ ހަމައަށް ދެވުނު އިރު އަލިފާންގަނޑު ހުރީ ނިއްވާލާފައި ކަމަށް އެމީހާ ބުންޏެވެ.
އެ މީހާ ބުނިގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ޕަންޕައް ޕެޓްރޯލް އެޅުމުގެ ތެރޭގައި އަލިފާން ހިފައިގެންނެވެ.
އެހާދިސާގައި ތިން މީހަކު ފިހިފައިވާ ކަމަށާއި އެއީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށް އެމީހާ ވަނީ ބުނެފައެވެ. އަދި އެމީހުންގެ ތެރެއިން ދިވެހި މީހާ ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި އެމީހުން މުލީ ހޮސްޕިޓަލަށް ގެންދިއުމަށް ވަގުތުން ކޯސްޓް ގާޑަށް ގުޅި ކަމަށްވެސް އެމީހާ ބުންނެވެ.
"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މުލީ ހޮސްޕިޓަލުގެ މެނޭޖާ އަހުމަދު ނާފިޒު ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެ ހޮސްޕިޓަލަށް ގެންދިޔަ ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އެމީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް އާ ވަހަކަ ދައްކައިގެން އެމީހުންގެ ލަފާގެ މަތިން ކަމަށް ނާފިޒް ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން ބުނީ އެހާދިސާ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 09:00 ހާއިރު ކަމަށެވެ. އަދި ދޯނީގައި ރޯވި އަލިފާން ނިއްވާލީ ދޯނީގެ ފަޅުވެރިން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މީގެ ކުރިން ގދ.ތިނަދޫ ފަޅުތެރޭގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާން ރޯވެ، އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު މަރުވި ހާދިސާއެއް ވެސް ހިނގާފައި ވެއެވެ. އެ ހާދިސާ ހިންގަން މެދުވެރިވީ ގޭސް ފުޅިއަކުން ގޭސް ލީކް ވެގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ހާދިސާގައި 4 ދިވެއްސަކަށް އަނިޔާވިއެވެ.