ބޭންކް އޮފް މޯލްޑިވްސް ގެ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ކަނޑޫދޫގެ ތުނޑީކޮޅުގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށް މިއަދު ބޭނުން ކުރަން ފަށައިފިއެވެ.
ބީއެމްއެލް އިން ބުނީ ރަށުގެ ގިނަ ރައްޔިތުން މިހާރު ވެސް ދަތުރު ދިއުމަށް ބޭނުން ކުރާ އެ ސަރަހައްދު ފަސޭހަކަމާ އެކު ބޭނުން ކުރެވޭނެހެން ހިޔާވާނެ ގޮތަށް އަތިރިމަތީގައި ކުޑަ ޖަހައި ހަޓް ހަދައި ޖޯލިފަތި ބަހައްޓައި އުނދޯލި ގެއެއް ގާއިމްކޮށް ދަތުރު ގޮސް އުޅޭ ފަރާތްތަކަށް ބާބަކިއު ހެދުމަށާއި ކައްކާ ކެއުމަށް ހާއްސަ ތަނެއް ތައްޔާރު ކުރެވިފައިވާ ކަމަށެވެ.
އޭގެ އިތުރުން ކަސްރަތު ކުރުމަށް ހާއްސަ ތަނެއް ހަދައި ރަށުގެ ރައްޔިތުންނަށް ބޭނުން ކުރެވޭނެހެން ވަޅެއް ބަހައްޓާފައިވާ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލް އިން ބުނީ އެ ސަރަހައްދު އިތުރަށް ފެހިކުރުމަށްޓަކައި 30 ރުކާއި އިތުރު ގަސް ވެސް އިންދާފައިވާ ކަމަށެވެ. އަދި އެ ތުނޑިއަށް ދަތުރު އަންނަ ފަރާތްތަކުން ކުނި އުކާލުމަށް ޑަސްޓްބިން ވެސް ބަހައްޓާފައިވާ ކަމަށެވެ.
މި ޕްރޮޕޯސަލް ކާމިޔާބުކުރި ކަނޑޫ ސްޕޯޓްސް ކްލަބުގެ ފަރާތުން ބުނީ އެރަށުގެ ތުނޑި ޕިކްނިކް ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އާއިލީ އަދި އެކުވެރިކަމުގެ ގުޅުންތައް ބަދަހިކޮށް އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން ކަމަށެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިދިޔަ އަހަރު ބީއެމްއެލް އިން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 30 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީތެރިކަންވަނީ ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.