ކަނޑުމަތީގައި އޮތް ދޯންޏެއްގައި ހުރި ޕެޓްރޯލު ހަމެއްގައި ރޯވެ، އެކަކު ޒަހަމް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މ. ކޮލަމާފުށީގެ 26 މޭލު ބޭރުން "ޖިހާދު 1" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ޕެޓްރޯލު ހަމެއްގައި ރޯވެ، އެކަކު ޒަހަމް ވުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓް ގާޑު ސްކޯޑްރަން އިން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

ޒަހަމްވި މީހާ މ. މުލި ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެހާދިސާ ރިޕޯޓު ލިބިފައި ވަނީ 09:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގައި ރޯވި އަލިފާން ނިއްްވާލީ ދޯނީގެ ފަޅުވެރިން ކަމަށެވެ.

މީގެ ކުރިން ގދ.ތިނަދޫ ފަޅުތެރޭގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާން ރޯވެ، އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކު މަރުވި ހާދިސާއެއް ވެސް ހިނގާފައި ވެއެވެ. އެ ހާދިސާ ހިންގަން މެދުވެރިވީ ގޭސް ފުޅިއަކުން ގޭސް ލީކް ވެގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ހާދިސާގައި 4 ދިވެއްސަކަށް އަނިޔާވިއެވެ.

ކަނޑުމަތީގައި ދިމާވާ މިފަދަ ހާދިސާތަކުގައި އެމްއެންޑީއެފް ކޯސްޓް ގާޑުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.