ޏ. ފުވައްމުލަކު ޗަސް ބިމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ފުވައްމުލަކު ފަނޑިމަގު ޗަސް ބިމުގައި ހުރި ހުއިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސައުތު އޭރިއާ ފުވައްމުލަކު ފަޔާ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރި ވެފައި ވާ ކަމަށެވެ.

އަދި ރޭ ދަންވަރު 01:20 ހާއިރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ އެހާދިސާގެ ރިޕޯޓު ކޮށްފައި ވަނީ ރޭ 11:15 ހާއިރު ކަމަށެވެ.

އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އިތުރު ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ގޮތް އަދި ސާފެއް ނުވެއެވެ.

ފަހަކަށް އައިސް އަލިފާނުގެ ހާދިސާތައް ގިނަވެފައި ވާއިރު ދާދި ފަހުން ގައުމީ ޔުނިވާސިޓީގެ ދަނާލު ކައިރިން، ދުއްވާފައި ދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާފައެވެ. އެކަމުގެ ރިޕޯޓު ލިބުމުން ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވެ އެ ރޯވި އަލިފާން ވަނީ ނިއްވާލާފައެވެ.