ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި 10 މީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.
ހަފްތާއެއް ކުރިން ފުލުހުން ކަނޑުމަތީގަ އާއި ރަށްރަށުގައި ހިންގަމުން އައި ޑްރަގް އޮޕަރޭޗަންގެ ތެރެއިން ހައްޔަރު ކުރި 10 މީހުންގެ ތެރޭ ހިމެނޭ ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ) އާއި ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28 އ) އަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އެންމެ އިސްކޮށް ތިބި ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ:
- ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32އ)
- ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް (28 އ)
- ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38އ)
- ކ. މާލެ / މއ. ކަނޑޫގެ، އަލީ އަހުމަދު (37އ)
- ކ. މާލެ / ހ. ގާރޑަންބިޔުޓީ، މުހައްމަދު އަކްރަމް (27އ)
- ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް (26އ)
- ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34އ)
- ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން (33އ)
- ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35އ)
- ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30އ)
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި ހަރަކާތްތެރި ވަމުންދަނިކޮށް "މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖެއިން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން މި މަހުގެ 8 ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އެގޮތުން މާލެއަށް އެތެރެކުރި މަސްތުވާތަކެތި ކާރެއްގެ ޑިކީއަށް އަރުވާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފައެވެ. މި އޮޕަރޭޝަނުގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.
މި އޮޕަރޭޝަނުގައި މާލޭގެ ބައެއް ގެތައް ވެސް ވަނީ ބަލައި ފާސްކޮށްފައި ކަމަށް ފުލުހުން ބުނެއެވެ. ހަމައެއާއެކު ދެ ކާރާއި ލޯންޗެއް އަދި ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކޮށްފައި ވެއެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދޯނީގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނާއި ލޯންޗުގައި މާލެއަށް މަސްތުވާތަކެތި އެތެރެކުރި މީހުންނާއި ކާރަށް މަސްތުވާތަކެތި އަރުވައިގެން ކާރުގައި ދިޔަ މީހުން ކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެމީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދެ މީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް 10 ދުވަސް، ތިން މީހުންގެ ބަންދަށް ހަތް ދުވަސް އަދި އެކަކުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އަދި އެތެރެކުރުމަށްފަހު އެއްތަނުން އަނެއް ތަނަށް އެތަކެތި އުފުލުމުގައި ބޭނުންކުރާ އުޅަނދު ފަހަރުތަކުގެ ވެރިފަރާތަށް އޮޅުވާލައިގެން އުޅަނދު ފަހަރު ބޭނުން ކުރަމުންދާ ކަން ފާހަގަކުރެވިފައި ވާތީ ކަނޑު އުޅަނދުފަހަރު އަދި އެއްގަމު އުޅަނދު ގެންގުޅޭ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.