އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ފަޅާއެރީ ރައީސް ޔާމީންގެ ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން، އޭރުގެ ސަރުކާރުން ޖެހި މަޅިއެއްގެ ތެރެއިންކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައިވެސް ނުބަލައި ދޫކޮށްލާފައި ހުރި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ހުރިކަމަށާއި އޭގެ ތެރެއިންވެސް އެންމެބޮޑު އެއްމައްސަލަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމައްސަލަ ފަޅާއެރީ ވެރިކަން ފުރޮޅާލުމަށް އޭރުގެ ވެރިކަމުގެ ތެރެއިން ކުރެވުނު މަސައްކަތެއްގެ ތެރެއިންކަމަށާއި ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް ހުރި، ވަރަށް ގިނަ ކަންތައްތައް ހުރި ކަމަށެވެ.

އެއް ކަމަކީ، ޕްރޮކިއުމަންޓްގެ ކަންތައް މިހާތަނަށް އޮތް ގޮތް ކަމަށާއި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ގެންގުޅޭ ހަމަތަކާއި އުސޫލުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބީލަމުގެ ކަންތައް ރޭވިފައި ހުރި ގޮތާއި ދައުލަތުގެ އިދާރާތަކުން ހިދުމަތް ދިނުމުގައި އަމަލުކުރެވޭ ގޮތްތަކުގެ އިތުރުން، ވަޒީފާ ދިނުމުގައި އަމަލުކުރަމުން އައި ގޮތަކީވެސް ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް އޮތް ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެމައްސަލަވެސް ފެންމަތިވީ، ރިއާސީ ލޯންޗުކޮޅު ގޮއްވާލައި، ވެރިކަން ގެއްލިދާނެކަމުގެ ބިރު ހީވި ހިސާބުން. ހަގީގަތުގައި، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް އޭރުގެ ސަރުކާރުން ހާމަކުރީ، ކޮރަޕްޝަނާ ދެކޮޅަށް ކުރި ކަމެއްގެ ގޮތުގައެއް ނޫން. އެކަން ކުރީ، ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން ޖެހި މަޅިއެއްގެ ގޮތުގައި" ރައީސް

އެމްއެމްޕީއާރުސީ ހިޔާނާތުގެ އެންމެ ބޮޑު ތުހުމަތެއް އޮތީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި އޭރު އެމްއެމްޕީއާރުސީގެ އެމްޑީ އަބްދުﷲ ޒިއަތަށެވެ. އަދީބަށް 20 އަހަަރުގެ ޖަލު ހުކުމެއް އަދި ޒިޔަތަށް 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައިވެއެވެ.

އަދީބަށް ބިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ކުރާއިރު ޒިޔަތަށް 700 މިލިއަން ރުފިޔާގެ ހިޔާނާތުގެ ތުހުމަތު ދައުލަތުން ކުރެއެވެ. ނަަމަވެސް އެ ދެ ބޭފުޅުންވެސް މިހާރު ތިއްބެވީ ދައުލަތާއެކު އެއްބަސްވުމާއެކު ގޭގައެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް އިއްވި ހުކުމަކީވެސް ދެ ފަރާތުން ވެވުނު އެއްބަސްވުމުގެ ތެރެއިން އިއްވުނު ހުކުމެކެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ އަދަދު 300 އަށްވުރެ މައްޗަށް އަރާކަމަށް އެމައްސަލަ ތަހްގީގުކުރާ އިދާރާތަކުން ވަނީ ބުނެފައެވެ. ހިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެންބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން މިހާރު ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނޭކަމަށް ތުހުމަތުކުރެއެވެ.