މަޝްހޫރު ލަވަކިއުންތެރިޔާ ޖޯން ލެނަން މަރާލުމުގެ ކުޑަ ވަގުތު ކޮޅެއް ކުރިން، އޭނާގެ ގާތިލަށް ސޮއިކޮށްދިން "ޑަބަލް ފެންޓަސީ" އަލްބަމްގެ ކޮޕީ، ނީލަމަށް ލައިފިއެވެ.

މީގެ 40 އަހަރު ކުރިން، 1980 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު، އޭނާ މަރާލުމުގެ ގަޑިއިރު ތަކެއްގެ ކުރިން، މާކް ޑޭވިޑް ޗެޕްމަންއަށް ސޮއިކޮށްދިން އަލްބަމް ކޮޕީ ނިއުޖާޒީގައި ހިންގާ ގޯލްޑިން އޮކްޝަންސްގައެވެ.

މި އަލްބަމް ކޮޕީގެ ނީލަން ފަށާފައި ވަނީ 450000 ޑޮލަރުން ކަމުގައި ވީ ނަމަވެސް، އަންނަ ހޮނިހިރު ދުވަހު ނީލަން ނިންމާލާއިރު، މި ކޮޕީގެ އަގު، 1.5 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވެއެވެ.

ޑިސެމްބަރު 8، 1980 ގައި ޖޯން ލެނަންއަށް ބަޑިން ހަމަލާ ދީ އޭނާ މަރާލި ގާތިލު މާކް ޑޭވިޑް ޗެޕްމަންގެ މަގް ޝޮޓްތަކެއް / ފޮޓޯ: ރެއާ ހިސްޓޮރިކަލް ފޮޓޯޒް

ނަފްސާނީ މައްސަލަތަކެއް ހުންނަ ކަމަށް ރިއާޔަތް ކުރާ ޗެޕްމަން، ދާދި ގާތުން ލެނަން އަށް އަމާޒު ކުރި ވަޒަންތަކުން 4 ހަމަލާއެއް ލެނަންގެ ހަށިގަނޑަށް ވަނީ އަރާފައެވެ. ލެނަން އަށް ޗެޕްމަން ހަމަލާ ދިނީ، ސެންޓްރަލް ޕާކް ސަރަހައްދުގައި އޭނާ ދިރިއުޅެމުންދިޔަ ޑަކޯޓާ އެޕާޓްމަންސްޓްސްއަށް، އަންހެނުން ޔޯކޯ އޯނޯ އާއެކު ދިޔަ މަގުމަތީގައެވެ. އުމުރުން 40 އަހަރުގައި ޖޯން ލެނަން މަރުވީ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.

ގޯލްޑިން އޮކްޝަންސް އިން ބުނާ ގޮތުގައި، ޗެޕްމަންއަށް އަލްބަމްގެ ކޮޕޯގައި ލެނަން ސޮއިކޮށްދިނީ މަރާލި ހަމަލާތައް ދިން ދުވަހުއެވެ. ހަމަލާ ދިނުމަށް ފަހު އެ ކޮޕީ އޮތީ އެސަރަހައްދުގެ ތަނަކަށް އެއްލާލާފައި ކަމަށްވެއެވެ. ހާދިސާއާ ގުޅިގެން، ހެކީގެ ގޮތުގައި ފުލުހުން އެއްކުރި ތަކެތީގެ ތެރޭގައިވެސް މި ކޮޕީ ހިމެނެއެވެ.

ގޯލްޑިން އޮކްޝަންސް އިން ބުނާ ގޮތުގައި މިއީ ރޮކް އެންޑް ރޯލްގެ މިއުޒިކީ ތާރީހުގައިވެސް ނީލަން ކިޔާ އެންމެ އަގުހުރި، ތާރީހީ އައިޓަމަށް ވާނެ ކަމަށެވެ.

ޖޯން ލެނަން މަރާލަން ދިން ހަމަލާގައި ލޭ ބުރާފައިވާ އައިނުގެ ފޮޓޯއެއް އޭނާގެ ހުވަފަތް އަންހެނުން ޔޯކޯ އޯނޯ ވަނީ ހިއްސާކޮށްފަ / ފޮޓޯ: ސްޓްރިޕް ޕްރޮޖެކްޓް

ޖޯން ލެނަން މަރާލި ދުވަހުގެ ހަނދާނުގައި، އޭނާގެ ހުވަފަތް ވެފައިވާ އަންހެނުން ވަނީ، މަރާލި ދުވަހު ލޭގެ ތިކިތަކުން ހަޑިވެފައިވާ ލެނަންގެ އައިނުގެ ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ. އަދި ސުލްއަށް ގޮވާލާ، ބަޑި ގެންގުޅުމުގެ ގާނޫނަށް އިސްލާހީ ބަދަލު ގެނައުމަށްވެސް ވަނީ ގޮވާލާފައެވެ.