ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޒަފަރުﷲ ހާން ޖަމާލީ އަވަހާރަވުމާ ގުޅިގެން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، ޕާކިސްތާނުގެ ރައީސް އާރިފް އަލްވީއަށް ތައަޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ސޯލިހް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ވިދާޅުވިއެވެ. އަދި ކުރީގެ ބޮޑުވަޒީރު މީރް ޒަފަރުﷲ ހާން ޖަމާލީގެ ހިދުމަތުގެ ދިގު ތާރީހުގައި އެ ގައުމުގެ ކުރިއެރުމާއި ލާބައަށް ކުރައްވާފައިވާ ގިނަ ގުނަ މަސައްކަތްޕުޅު ފާހަގަކުރައްވާފައި ވެއެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މީރް ޒަފަރުﷲ ހާން ޖަމާލީ އަވަހާރަވި ހަބަރު، ބައިނަލްއަގުވާމި މިޑީއާއިން އާންމު ކުރީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. 2002 އިން 2004 ވަނަ އަހަރުގެ ނިޔަލަށް ޕާކިސްތާނުގެ ބޮޑުވަޒީރު ގެ މަގާމު އަދާ ކުރެއްވި މީރް ޒަފަރުﷲ ހާން ޖަމާލީ އަވަހާރަވީ، ހާޓްއެޓޭކެއް ޖެހިވަޑައިގެން، ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުން، ރާވަލްޕިންޑީގައި ކަމަށް މައުލޫމާތު ލިބެއެވެ.
މީރް ޒަފަރުﷲ ހާން ޖަމާލީގެ ހިދުމަތް ޕާކިސްތާނަށް ލިބުނީ އަސްކަރީ ވެރިޔާ ފަރްވޭޒް މުޝައްރަފުގެ ޒައާމަތުގައެވެ. ނަމަވެސް، މުޝައްރަފާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގައި މީރް ޒަފަރުﷲ ހާން ޖަމާލީ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މަގާމުން އިސްތިއުފާ ދެއްވުމަށް ފަހުގައިވެސް މީރް ޒަފަރުﷲ ހާން ޖަމާލީ އަކީ ސިޔާސީ މައިދާނުގައި ހިތްތިރި، މަޑުމައިތިރި ބޭފުޅެކެވެ. މުޝައްރަފާ ދެކޮޅަށް ބަސްވިދާޅެއް ނުވެއެވެ.
މީރް ޒަފަރުﷲ ހާން ޖަމާލީ އަވަހާރަވުމާ ގުޅިގެން ރައީސް ސޯލިހު ފޮނުއްވި ތައުޒިޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ ބޮޑުވަޒީރުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށް ދެއްވުން އެދި ދުއާ ދަންނަވަމުންނެވެ.
މީރް ޒަފަރުﷲ ޚާން ޖަމާލީ އަވަހާރަވުމާ ގުޅިގެން ޕާކިސްތާން ހައިކޮމިޝަންގައި ހުޅުވާފައި ތައުޒިޔާގެ ދަފްތަރުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ސޮއިކުރައްވާފައެވެ.