މިހާރު ރާއްޖޭގައި އޮތް ވެރިކަމުގެ ނިޒާމަކީ ދެފަރާތުން މަޝްވަރާ ކޮށްލައިގެން ބަދަލު ކުރެވޭނެ ނިޒާމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު މަޝްވަރާ ކުރައްވައި، ރަނގަޅު ގޮތަކަށް ނިމިގެން ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވާ ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ. އެހެން ކަމުން ދެމީހަކު މަޝްވަރާ ކޮށްލައިފައި ނިޒާމު ބަދަލު ނުކުރެވޭ ކަމަށް ވިދާލުވިއެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ވެރިކަން ކުރަން އޮތް "ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު" ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައި ވަނީވެސް ބަރުލަމާނީ ނިޒާމަށް ކަމަށާއި ރިޔާސީ ނިޒާމު މޮޅުވެގެން، އެ ވާހަކަ ދައްކަން ފެށީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ކަމަށެވެ.

ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް. ވީމާ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ
ރައީސް މައުމޫން

ރައީސް ނަޝީދު އެފެދައިން ވިދާޅުވެފައި ވާއިރު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައި ވަނީ ސީދާ ރައްޔިތުން ކަމަށާއި، އެ ނިޒާމު ބަދަލު ކުރާނަމަ ފުރަތަމަ ދާން ޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިދިޔަ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ވިސްނަވައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

އަދި މަޝްވަރާ ތަކަކަށް ފަހު، ގާނޫނު އަސާސީ އެކުލަވާލީ، ވެރިކަން ކުރާ ނިޒާމަކާ މެދު ސީދާ ރައްޔިތުން ނިންމި ނިންމުމެއްގެ މައްޗަށް ކަމަށާއި އެ ނިޒާމު ބަދަލުކުރަން ވިސްނުމުގެ ކުރިން، އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު، ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ދައްކަވާތާ އެތައް ދުވަހެއް ވެފައި ވާއިރު، ބަރުލަމާނީ ނިޒާމެއް ގެނެސްފި ނަމަ، އެމަނިކުފާނެ ވެވަޑައިގަންނަވާނީ ބޮޑުވަޒީރަށް ކަމަށްވެސް އަމިއްލަފުޅަށް ވިދާޅުވެފައި ވެއެވެ.

އަދި ބަރުލަމާނީ ނިޒާމު ގެނައުމަށް ނަޝީދު ވަކާލާތު ކުރައްވާ އިރު، މިހަރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އެހީތެރިކަންވެސް އެކަމުގައި ހޯއްދަވަން ނަޝީދު މަސައްކަތް ކުރައްވާ ކަމުގެ އަޑުތައްވެސް ދަނީ ގަދަވަމުންނެވެ.