ގދ.ތިނަދޫ ފަޅުތެރޭގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ ދޯންޏެއްގައި ގޭސް ފުޅިއެއް ލީކްވެގެން ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އިތުރު މީހަކު މަރުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ ގދ. ތިނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާ ދެމުން ދަނިކޮށް މިއަދު ދެވަނަ މީހަކު މަރުވެފައިވާ ކަމަށާއި އެނާ މަރުވެފައި ވަނީ މިއަދު ހެނދުނު 8:40 ހާއިރު ކަމަށެވެ. މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މިއީ މިހާދިސާގައި ފިހިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވި 2 ވަނަ މީހާއެވެ. މ ި ހާދިސާގައި މަރުވި ފުރަަތަމަ މީހާއަކީ އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 8:35 ހާއިރު ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 12:34 ހާއިރެވެ.

އެ ހާދިސާ ހިންގަން މެދުވެރިވީ ގޭސް ފުޅިން ގޭސް ލީކް ވެގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާގައި އެ ދޯނީގައި ތިބި 4 ދިވެހިންނަށް އަނިޔާވެފާވެއެވެ. އެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުގެ ބޮޑުބައެއް ފިހުނު ކަަމަށްމައުލޫމާތު ވަނީ ލިބިފައެވެ.