ދައުވާއާ ގުޅޭ އެންމެހާ ލިޔެކިއުމުގެ ކޮޕީ ދިފާއަށް ދިނުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝާމީމްގެ ވިސްނުން ހުރީ ޖިނާއީ ކުށްވެރިންނާއެކު މުޑުދާރު މުއާމަލާތް ހިންގާ، ގޮތެއް ނެތް ޕްރޮސެކިއުޓަރެއްގެ ބީދައިން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ވަކީލް އާދަމް ޝަމީމް ސިފަކުރައްވައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓިމުގައި ހިމެނޭ ވަކީލު ޝަމީމް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުގައި ޖިނާއީ ކުށެއްގެ ދައުވާއާއި އެ ދައުވާއާ ގުޅޭ އެންމެހާ ލިޔެކިއުމުގެ ކޮޕީއެއް، ދައުވާ ލިބޭ ފަރާތަށް ލިބުން ހައްގުވާ ކަމަށެވެ. އޭގެ ތެރޭގައި، ދައުވާ ލިބޭ ފަރާތަށް ފައިދާ ކުރަނިވި ދިފާއެއް ބިނާ ކުރެވިދާނެ ލިއެކިއުންތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެނޫން ގޮތަކަށް މިކަމުގައި ވިސްނާނީ ޖިނާއީ ކުށްވެރިންނާއެކު މުޑުދާރު މުއާމާލް ހިންގާ، ގޮތެއް ނެތް ޕްރޮސެކިއުޓަރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ދިފާއުގެ ވަކީލުންނަށް ޖަވާބުދާރީ ވުމުގައި ހުރަސްތަކެއް ހުރީ އެފަރާތުން ހޯއްދެވުމަށް އެދިވަޑައިގެންފައިވާ ބައެއް ލިޔެކިޔުންތައް ދައުލަތުގެ ފަރާތުން ފޯރުކޮށްދީފައި ނުވާތީކަމަށް ވިދާޅުވުމުން ޕީޖީ ޝަމީމް އެކަމަށް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ޖިނާއީ ދައުވާތަކުގައި މައުލޫމާތު ހިއްސާ ކުރުމުގެ މޭރުމުން މައުލޫމާތުގެ ގޮތުގައި ރިއާޔަތް ކުރަނީ، ތަހުގީގީ މަރުހަލާގައި އެއްކޮށްފައިވާ އަދި ޝަރީއަތުގެ މަޖިލީހުގައި ބޭނުން ކޮށްފައިވާ މައުލޫމާތުތަކަށް ކަމަށާއި އެފަދައިން ހިއްސާ ކުރާނީ އެއްވެސް ހާލެއްގައި ދިފާއީ ވަކީލުން އެދިވަޑައިގަންނަވާ ހުރިހާ މައުލޫމާތެއް ނޫން ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދީ އެއީ ތަޖުރިބާ މަދު ދިފާއީ ވަކީލުންނަށް އާންމުކޮށް ހެދޭ ގޯހެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 84 ވަނަ މާއްދާގައި ބުނެފައި ވަނީ ޖިނާއީ ކުށެއްގެ ދައުވާ، ކަމުގެ އިހްތިސާސް ލިބިގެންވާ ކޯޓަށް ބަލައިގެންފިނަމަ އެ ތާރީހުން ފެށިގެން ލަސްވެގެން ފަސް ދުވަހުގެ ތެރޭގައި އެ ދައުވާ އާއި ދައުވާއާ ގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީއެއް ދައުވާ ލިބޭ ފަރާތަށް ކޯޓުން ފޮނުވަންވާނެ ކަމަށެވެ.
އިއްޔެ ކްރިމިނަލް ކޮޓުގައި ކުރިއަށް ގެންދިޔަ ރައީސް ޔަމީންގެ ޝަރިއަތުގެ އަޑުއެހުމުގައި ވަކީލުންނަށް ލިޔެކިޔުންތައް ނުލިބޭ މައްސަލައާ ގުޅިގެން އެ ލިޔެކިޔުންތައް ހިފަހައްޓަފައިވާ ސަބަބު ވަނީ އޮޅުން ފިލުވާފައެވެ.
ސިއްރުކުރުމަށް ދައުލަތުން އެދުނު ލިޔުންތައް ފިޔަވައި ދެން ހުރި ލިޔުންތައް ދައުލަތުން ހިފަހައްޓާ ސަބަބު ހާމަކުރައްވަމުން ޕީޖީގެ ވަކީލާ ވިދާޅުވެފައި ވަނީ ހާމަކުރަން އެދުނު ލިޔެކިޔުންތަކުގެ ތެރެއިން ދައުވާކޮށްދިނުން އެދި ޕީޖީއަށް ފުލުހުން ފޮނުވި ފޯމު ހާމަ ނުކުރަނީ އެއީ ޖީނާއީ އިޖުރާއާތުގެ ގާނޫނުގެ ދަށުން ހާމަކުރަންނުޖެހޭ ލިޔުމެއް ކަމުގައިވާތީ ކަމަށެވެ. ހަމައެއާއެކު ދައުވާ ރައްދުވާ ފަރާތުގެ ބަންދާ ގުޅޭ މައުލޫމާތު ހިމަނައި ކޯޓަށް ޕީޖީން ފޮނުވާ ލިޔުމަކީވެސް އިދާރީ ލިޔުމެއް ކަމުގައިވާތީ އެ ލިޔުމަކީވެސް ހާމަކުރަންޖެހޭ ލިޔުމެއް ނޫން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ތަހުގީގަށް ބަޔާން ދީފައިވާ ފަރާތްތަކުގެ ވަނަވަރަކީވެސް ދައުވާ ރައްދުވާ ފަރާތާ ހިއްސާކުރާ ލިޔުމެއް ނޫން ކަމަށާއި އެ ލިޔުންތަކަކީ ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިންނަކީ ކޮން ބައެއްކަން ސާބިތުކުރުމަށް ހުށަހަޅާ ލިޔެކިޔުންތަކެއް ނޫން ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވެފައި ވެއެވެ.
އަދި އެއަށްފަހު މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ވަނީ ދިފާއުގެ ވަކީލުން ހޯއްދެވުމަށް އެދިވަޑައިގެން ނުލިބި ހުރި ލިޔެކިޔުންތަކެއް ހޯދުމަށާއި ރައީސް ޔާމީނާއެކު ވަކީލުންނަށް ދިރާސާ ކުރަން ގިނަ ވަގުތު ބޭނުންވާނެތީ އެ އިންތިޒާމުތައް ޕީޖީ އޮފީސް މެދުވެރިވެގެން ހަމަޖައްސައިދިނުމަށް އަންގަވާފައެވެ.