ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލު ކޮށްފައިވާ ކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައި ވާއިރު، އެކަމާ ގުޅިގެން އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް އިތުރުފުޅު ހައްދަވައި، އޮޅުވާލެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.

މިރޭ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާގައި، ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު ހެއްދެވި ކަމުގެ ތުހުމަތާ ބެހޭ ރިޕޯޓަށް މެންބަރުން ބަހުސް ކުރެއްވުމަށް ފަހު ވަނީ ވޯޓަށް ހުށަހަޅާފައެވެ. ކޮމިޓީން ނިންމި ގޮތަށް މަޖިލީހުގެ މިރޭގެ ޖަލްސާގައި އެ ރިޕޯޓް ފާސްކޮށްފައި ވަނީ 57 މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަމީނުގެ މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓުގައި ބުނީ އޭނާ މަޖިލީހަށް ގަސްދުގައި އޮޅުވާލައްވާފައިވާ ކަމަށެވެ. އެ ރިޕޯޓުގެ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ ފިޔަވަޅެއް ނޭޅި މިކަހަލަ މައްސަލަަތައް ނިމިގެންދާ ކަމަށެވެ. މެންބަރުންގެ ވާހަކަަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާ ކަމަށް ވަންޏާ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަ މައްސަލަތައް ބެލޭނެ ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލާގައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އެ ވެންޓިލޭޓަރުތައް ގަންނަން ހަވާލުކޮށްފައި ވަނީ ޑަބްލިޔުއެޗްއޯއިން ރެކަމެންޑް ކުރި ކުންފުންޏެއްކަމަށް އަމީން ވިދާޅުވެފައިވީ ނަމަވެސް، އޮޑިޓް ރިޕޯޓުގައި އެއީ އެކަން ހިނގިގޮތް ނޫންކަމަށް ބަޔާންކޮށްފައިވާތީ، މަޖިލީހަށް އިތުރުފުޅު ހެއްދެވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ ބަލާފައިވަނީ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީންނެވެ.

އެ ކޮމިޓީއަށް އަމީން ހާޒިރު ކޮށްފައި ވާއިރު، އޭނާ ވަނީ ވެންޓިލޭޓަރުތައް ގަތުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މެދުވެރިވި ކަމަށާއި، އެ ޖަމިއްޔާއާއެކު ކުރެވުނީ ރަސްމީ މުއާމަލާތް ތަކެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

މަޖިލީހުގެ އިިމްތިޔާޒުތަކުގެ ގާނޫނުގައި ބުނާ ގޮތުން މުޅި މަޖިލީހަށް ނުވަތަ ކޮމިޓީއަކަށް ގަސްތުގައި ކަމެއް އޮޅުވާލުން ފަދަ ކުށެއް ކޮށްފިނަމަ އެ ފަރާތެއްގެ އަދަބަކީ 3،000 ރުފިޔާއާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. ނުވަތަ ތިން މަސް ދުވަހާއި ހަ މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަަލަށް ލުމެވެ.

މިރޭ ބިލް ފާސްވުމާއެކު، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަމީންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުއްވާނެ ކަމަށެވެ.