75 ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ދައުވާ ކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މިރޭ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާގައި، ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ކުރި މަސައްކަތާ ބެހޭ ގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދޮގު ހެއްދެވި ކަމުގެ ތުހުމަތާ ބެހޭ ރިޕޯޓަށް މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަމީނުގެ މައްސަލަ ބެލުމަށް ފަހު އެކުލަވާލި ރިޕޯޓުގައި ބުނީ އޭނާ މަޖިލީހަށް ގަސްދުގައި އޮޅުވާލައްވާފައިވާ ކަމަށެވެ. އެ ރިޕޯޓުގެ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ ފިޔަވަޅެއް ނޭޅި އެކަހަލަ މައްސަލަަތައް ނިމިގެންދާ ކަމަށެވެ.

މެންބަރުންގެ ވާހަކަަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު އިންނަވާ ކަމަށް ވަންޏާ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަންނަ މައްސަލަތައް ބެލޭނެ ކަމަށެވެ.

"އަޅުގަނޑުގެ ނުކުތާއަކީ އެހެން މައްސަލަތަކުގައި އަޅުގަނޑުމެންނަށް އަޅައިނުލެވުނު ކަމުގައި ވީ ނަަމަވެސް، މަޖިލީހުގެ އިމްތިޔާޒަށް އަރަައިގަތީމާ މިތަނުން އެކަން ނިންމީމާ ޕްރޮސެކިއުޓާ ޖެނެރަލް ދައުވާ ކޮށްދެއްވަން ޖެހޭނެ. އެއަކު ދެން އިތުރު ބަހަނާއެއް ނެތް، ޕްރޮސެކިއުޓާ ޖެނެރަލް ފަހަތަށް އެބަ ޖެހިވަޑައިގަންނަވާ ވައްކަމުގައި ދައުވާ ކުރުމަށް، ބައެއް ބޭފުޅުންގެ މައްޗަށް،"
މުހައްމަދު ނަޝީދު

މަޖިލީހުގެ ކަންތައްތައް އެހެން ގޮތަކަށް ނުގެންދަވާނެ ކަމަށާއި އެހެން ކުށްތަކުގެ ކަންތައްތަކުގައި މައްސަލަ ޝަރީއަތަށް ފޮނުވުމުގައި އެމަނިކުފާނަށް އެއްޗެއް ވިދާޅުނުވެވުނަސް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތީމައި ޕީޖީ ދައުވާ ކޮށްދެއްވަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެކަމުގައި އިތުރު ބަހަނާއެއް ދެއްކެވެން ނެތް ކަމަށާއި ޕީޖީ ޝަމީމް ބައެއް ބޭފުޅުންނަށް ވައްކަމުގެ ދައުވާ ކުރައްވަން ފަސްޖެހިވަޑައިގަންވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ 11 ފަރާތެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައެވެ. އެ މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ނިމުމާއެކު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއެވެ. އަދި އެހިސާބުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އަމީން މަޖިލީހަށް ދޮގު ހެއްދެވި މައްސަލައިގައި އަމީން ދޮގުހައްދަވާ އޮޅުވާލ ކަމަށް މިރޭ ފާސްކޮށް، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމަށް ވަނީ ނިންމާފައެވެ. މިރޭ އެގޮތަށް ފާސްކުރީ 57 މެންބަރުންގެ ވޯޓުންނެވެ.