ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އަނިޔާވެރިގޮތަކަށް މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ލިބުން ލަސްވަމުންދާތީ އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މައްސަލަ ބޭރުކޮށްލައިފިއެވެ.
އްޔިތުންގެ މަޖިލީހުގެ މަޑުވައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، އެ މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 16 މެންބަރުންނެވެ. ނުފެންނަ ކަމަށް 36 މެންބަރުން އަދި ވަކިގޮތަކަށް ވޯޓު ދޭން އެދިވަޑައިނުގަންނަވާ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއެވެ.
އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ އެ މައްސަލާގައި ވިދާޅުވެފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަކީ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީން އިންތިހާއަށް ބާރުއަޅާ ކަމެއް ކަމަށާއި އިންސާފު ގާއިމުކޮށް، ހައްގުތައް ރައްކާތެރި ކޮށްދިނުމަކީ ދިވެހި ދައުލަތަށް ލާޒިމުކުރާ އަދި ޑިމޮކްރަސީގެ ވެރިކަމެއްގެ އެންމެ މުހިންމު އުންސުރު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ޔާމީނަށް އިންސާފު ލިބުން ލަސްވަމުން ގޮސް އަނިޔާ ލިބި ހައްގުތައް ގެއްލެމުންދާ ކަމަށް ބުނެފައި ވެއެވެ.
އެގޮތުން އިިންސާފު ލިބޭނެކަމުގެ ޔަގީންކަމެއް ވެސް ނެތި އެތައް އާއިލާތަކެއް މާޔޫސްވެ އުއްމީދު ގެއްލި އެ އާއިލާތަކުގެ ހައްގުތައް ގެއްލެމުންދާ ކަމަށްވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
އިންސާފު ލިބުން ލަސްވަމުންދާ ކަމަށް ބުނެ އިދިކޮޅުން މަޖިލީހަށް މައްސަލައެއް ހުށަހެޅިއިރު، ޔާމީނަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލިތާ ތިން މަސް ވެފައިވާ ނަމަވެސް ހުކުމެއް ނީއްވައެވެ.
ޑރ. އަފްރާޝިމާއި އަނަސް އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ރިލްވާން ވަގަށް ނެގި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރަމުން އަންނައިރު، ނަމަވެސް އެ ކޮމިޝަން އުފެއްދިތާ ދެ އަހަރުވެގެން ދިޔައިރު ވެސް ނަތީޖާއެއް ނުފެންނަ ކަމަށް ބުނެ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އެ ކޮމިޝަނަށް އަމާޒުވެފައެވެ.