ކޮރޯނާވައިރަސް ޑިޒީޒް ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އާންމު ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގިނަ ވަގުތު "ގޭ ބަންދުގައި" ތިބެން ޖެހުމުން ދިރިއުޅުމުގައި "ކޫސަނި ކުނިޖެހުން" އިތުރުވެފައި ވާ ކަމީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. މިއީ ވެސް މިފަދަ ކުންޏަކާ ގުޅިފައިވާ ވާހަކައެކެވެ. އިޓަލީވިލާތުގެ ފިރިހެނަކު، އޭނާގެ އަނބިމީހާ ދެކެ އައި ރުޅީގައި ކުރި ކަމެއްގެ ވާހަކައެކެވެ.

އަނބިމީހާ ދެކެ އައި ރުޅީގައި މި ފިރިހެން މީހާ ގެއިން ނިކުމެގެން ހިނގަން ފެށިއެވެ. އެ ހިނގަން ފެށި ގޮތަށް، 420 ކިލޯމީޓަރަށް ހިނގިއެވެ. ހަފުތާއެއްގެ ތެރޭގައެވެ. އިޓަލީވިލާތުގެ ކޯމޯއަށް ނިސްބަތްވާ ފިރިހެން ގެއިން ނިކުތީ އަނބިމީހާ ދެކެ އައިސްފައި ހުރި ރުޅިގަނޑު ފިނިކޮށްލުމުގެ ބޭނުމުގައެވެ. އެއީ އާންމު ގޮތެއްގައި މީހުން ކޮށް އުޅޭ ކަމެއް ނަމަވެސް، މި ފިރިހެން މީހާ ތަފާތު ވަނީ ހުއްޓި ނުލާ ހިނގީތީއެވެ. އޭނާގެ ދިގު ހިނގުމަށް ނިމުން އައީ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންގެ ކާރަކުން އޭނާ ހުއްޓުވުމުންނެވެ. އޭރު، އޭނާ ހުރީ އަމިއްލަ ގެއާ 418 ކިލޯމީޓަރު ދުރުގައެވެ.

ފުލުހުންގެ ރާޑަރަށް މި ފިރިހެން މީހާ އެރީ، ގައުމީ ފެންވަރުގައި އިއުލާން ކޮށްފައިވާ ކާފިއުގެ އަމުރަށް ކިޔަމަންވޭތޯ ބެލުމަށް ޕެޓްރޯލް ކުރަމުންދިޔަ ދިއުމުގެ ތެރޭގައި، މެންދަމުން އަލިވެ 02:00 ޖެހިއިރުއެވެ. ސުވާލު ކުރުމަށްފަހު އޭނާ ގެންދިޔައީ ޕޮލީސް ސްޓޭޝަނަށެވެ. އެތަނަށް ގެންދިޔައިރު، އޭނާ ގެއްލިގެން އަނބިމީހާ ވަނީ ފުލުހުންނަށް މައްސަލަވެސް ހުށަހަޅާފައެވެ. އޭރު އެ ފިރިހެން މީހާ އޮތީ، އޭނާ ހިނގަމުން ދިޔަ ސަބަބު، ފުލުހުންނަށް ކިޔައިދީފައެވެ.

ކޮވިޑް-19ގެ ލޮކްޑައުންގައި ހާސްވެ މާޔޫސްވެފައި އިން މީހެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އާރްއެފްއައި

އެއްވެސް ޒާތެއްގެ ދުއްވާ އެއްޗެއްގެ އެހީއާ ނުލާ އޭނާ ވަނީ ފައި މަގުގައި 420 ކިލޯމީޓަރުގެ ރާސްތާއެއް، 7 ދުވަހުގެ ތެރޭގައި ހުރަސްކޮށްފައެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ، ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ ރާސްތާއެކެވެ.

ކައިބޮއި ހެދީ، ހިނގަމުން ދިޔަ މަގުމަތީގައި މީހުން ދިއްކޮށްލާ އެތިއެތިކޮޅުންނެވެ. ހިސާބަކަށް ވަރުބަލިވުން ފިޔަވާ އިތުރު ކަމެއް އޭނާއަށް އިހުސާސް ނުވާކަމަށްވެސް އެ ފިރިހެން މީހާ ވަނީ ބުނެފައެވެ.

ފިރިހެން މީހާގެ ވާހަކަ އަޑުއެހުމަށް ފަހު ފުލުހުން އޭނާ ދޫކޮށްލިއެވެ. ނަމަވެސް، އޭނާގެ ވާހަކަ އަނބިމީހާއަށް އެންގުމަށް ފަހުގައެވެ. އަދި ކާފިއުގެ އަމުރާ ހިލާފުވީތީ 400 ޔޫރޯއިން ޖޫރިމަނާވެސް ކުރިއެވެ. އަނބިމީހާއަށް ބަލާ އާދެވެންދެން އޭނާ ހުންނާނެ ހޮޓާވެސް ހަމަޖައްސާދިނީ ފުލުހުންނެވެ. އެ ދެމަފިރިން ގެއަށް ދިއުމަށް ކުރާނީ ދިގު ދަތުރެއްތާއެވެ!

ރާއްޖޭގެ ނިސްބަތުން އަންދާޒީ އަދަދެއް ދަންނަވަނީނަމަ، ހދ ކުޅުދުއްފުއްޓާއި ދ ކުޑަހުވަދޫއާ ދެމެދު އޮންނަނީ 439.94 ކިލޯމީޓަރުގެ ރާސްތާއެކެވެ. އެހެންކަމުން، 420 ކިލޯމީޓަރު ހިތަށް ގެންނަވާށެވެ. މިއީ ކުރު ރާސްތާއެއް ނޫނެވެ.