ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާފައި ހުންނާނެ ގަޑިތަކައް ބަދަލު ގެނެސްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މިއަދުން ފެށިގެން ލޮނުޒިޔާރަތް ޕާކާއި ސަލްޓަން ޕާކު ހުޅުވާފައި ހުންނާނީ ހޯމަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 އިން ހެނދުނު 9:30 އަށް ކަމަށެވެ. އަދި ހަވީރު 4:30 ން ރޭގަނޑު 9:30 އަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ޕާކުތަކުގެ ގަސްގަހާ ގެއްސައް ބޭސް ޖެހުމާއި ކާނާ ދިނުމަށާއި އަދި ޕާކުތަކުގައި ކުރަންޖެހޭ އެހެނިހެން މަރާމާތު ކުރުމާ ތަން ސާފުކުރުމުގެ މަސައްކަތް ކުރުމަށް ކޮންމެ އާދީއްތަ ދުވަހުގެ ހެދުނު 8:00 ފެށިގެން އެދުވަހުގެރޭ ފަތިހު 4:30 އަށް ބަންދުވާނެ ކަމަސް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ "ލޮނުޒިޔާރަތް ޕާކު" ހުޅުވާފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ. ސިނަމާލެ ބްރިޖް ކައިރިން، އަޑި ޕާކު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެޕާކު ތަރައްގީ ކޮށްފައިވަނީ ވަރަށް ހިތްގައިމު ގޮތަކަށެވެ.

އެ ޕާކުގައި ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނެއެވެ. މީގެ އިތުރުން 300 އަށްވުރެ ގިނަ ބެންޗާއި، ދުވާ ޓްރެކްއަކާއި ބައިސްކަލު ދުއްވޭ ލޭނެއްވެސް އެޕާކުގައި ހިމެނެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލޭގައި ހުންނަ ސަލްޓަން ޕާކު މިދިޔަ މާޗު މަހު ބަންދު ކުރުމަށް ފަހު އާންމުންނަށް ހުޅުވީ ނުވަ މަހަށް ފަހުއެވެ.