ކީރިތި ގުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިންގެ ލިސްޓު އަންނަ ހޯމަ ދުވަހު އިއުލާން ކުރަން ނިންމައިފިއެވެ.
ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތް 2020 ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން އިއުލާންކުރުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ އެ މުބާރާތުގެ މުބާރާތުގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިންގެ ލިސްޓް އަންނަ ހޯމަ ދުވަހު އިރުއޮއްސި 6:00 ގައި އިއުލާން ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކުރިން ފައިނަލް ބުރަށް ހޮވޭ ބައިވެރިންގެ ލިސްޓް އާންމުކުރާނެ ކަމަށް އަންގާފައި ވަނީ މިއަދުގެ ނިޔަލަށެވެ. ނަމަވެސް މުބާރާތުގެ ބައިވެރިންގެ އަދަދު ގިނަވުމުގެ ސަބަބުން މިއަދުގެ ކުރިން ފަނޑިޔާރުކަން ކޮށް ނިމިފައި ނުވާތީ ފައިނަލް ބުރުގެ ލިސްޓު އާންމުކުރާނީ އަންނަ ހޯމަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ފައިނަލް ބުރުގެ ބައިވެރިންގެ ލިސްޓް، ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ގައުމީ މުބާރާތުގެ ޕޯޓަލް އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓް މެދުވެރިކޮށް އިއުލާން ކުރާނެ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.
މި މުބާރާތުގައި 3055 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށާއި އަދި ބައިވެރިވެ ކިޔެވުން ހުށަހަޅާފައި ވަނީ 2539 ފަރާތަކުން ކަމަށް މިދިޔަ ބުދަ ދުވަހު އެ މިނިސްތްރީން ބުނެފައި ވެއެވެ.
ފައިނަލް ބުރު ކުރިއަށްދާނީ މިމަހު 13 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން މިމަހު 17 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.
8 އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ބަހާލާފައި ވަނީ ދެ ކެޓަގަރީ އަކަށެވެ. އެއީ މުޖައްވަދުކޮށް ނުވަތަ ދިގު ރާގަށް ކިޔެވުމާއި، ހަދަރުކޮށް ނުވަތަ ކުރު ރާގަށް ކިޔެވުމެވެ. މި މުބާރާތަކީ އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބައިވެރި ވެވޭނެ ގޮތަށް ވާޗުއަލްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
އެގޮތުން މުބާރާތުގައި ރަޖިސްޓްރީވުމާއި ވީޑިއޯ އަޕްލޯޑް ކުރުން ކުރިއަށް ދާނީ މި މުބާރާތަށް ހާއްސަ ކޮށްފައިވާ ޕޯޓަލް އިންނެވެ. އަދި ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބާ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމު ވަނީ ހަމަަޖައްސާފައެވެ.