ރާއްޖޭގެ ކޮންމެ 10 މީހުންގެ ތެރެއިން އެކަކަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ތަފާސް ހިސާބުން ދައްކައިފިއެވެ.

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅޭގޮތުން ސްޓެޓިސްޓިކްސް މޯލްޑިވްސް ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދިވެހި އާބާދީގެ 5 އަހަރުން މަތީގެ 9 ޕަސެންޓް މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. 2019 ވަނަ އަހަރު ކުރި އެ ސާވޭ އިން ދައްކާ ގޮތުގައި އެއީ ކޮންމެ 10 މީހަކުން އެކަކެވެ.

އުމުރުން ދުވަސްވާ ވަރަކަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ގިނައީ ހިނގާ ބިނގާވެ އުޅުމުގައި ދަތި މީހުން ކަމަށާއި އުމުރުން ދުވަސްވާ ވަރަކަށް ނުކުޅެދުންތެރިކަން އިތުރުވާ ކަމަށް އެ ތާފާސް ހިސާބުން ދައްކައެވެ.

އެގޮތުން އުމުރުން 5 އަހަރާއި 17 އަހަރުގެ ކުދިންނަށް ބަލާ އިރު، ނުކުޅެދުންތެރިކަން ހުރި ނިސްބަތަކީ 4 ޕަސެންޓެވެ. އުމުރުން 75 އަހަރުން މަތީގެ މީހުންގެ ނުކުޅެދުންތެރިކަން ހުރީ 58 ޕަސެންޓް ގައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން 35 ޕަސެންޓް މީހުންނަކީ އެއް ކަމަކަށް ވުރެ ގިނަ ކަންތައް ތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުން ކަމަށް ދައްކާ އިރު، އޭގެ ތެރޭގައި ގިނައީ ކޮންމެވެސް 2 ކަމަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އޭގެ ތެރެއިންވެސް ގިނައީ އަންހެނުންނަށް ވުރެ ފިރިހެނުންނެވެ.

ތައުލީމީ ގޮތުން ބަލާއިރު 10 އަހަރުން މަތީގެ ނުކުޅެދުންތެރިކަން ހުންނަ އާބާދީގެ 90 ޕަސެންޓް މީހުންނަނީ ދިވެހިބަހުން ލިޔަން ކިޔަން ދަންނަ މީހުންނެވެ. އޭގެ ތެރެއިން އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަނީ ތިންބައިކުޅަ އެއްބައި މީހުންނެވެ. އެ އާބާދީގެ މެދުގައި ޕްރައިމަރީ އަދި ސާނަވީ ތައުލީމު ހާސިލް ކޮށްފައިވާ މިންވަރު ދަށެވެ.

5 އަހަރުން މަތީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާބާދީގެ 91 ޕަސެންޓް ކުދިން ސްކޫލަށް ދެއެވެ. ސްކޫލު އުމުރުފުރާ މަތިވާ ވަރަކަށް ސްކޫލަށް ނުދާ ކުދިންގެ ނިސްބަތް އިތުރުވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މަސައްކަތުގެ ދާއިރާއިން ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ގިނައީ އިންފޯމަލް ސެކްޓާގައި މަސައްކަތް ކުރާ މީހުންނެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އަންހެން މަސައްކަތްތެރިންގެ ތެރެއިން ކޮންމެ 5 އަންހެނެއްގެ ތެރެއިން 4 އަންހެނުންނަކީ އިންފޯމަލް ސެކްޓާގައި މަސައްކަތް ކުރާ މީހުން ކަމަށް 2019 ވަނަ އަހަަރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް، ހާއްސަ އެހީއަށް ބޭނުންވާ އުމުރުން ދުވަސްވީ 29 މީހަކު ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު، އޭގެ ތެރޭގައި ސިކުނޑީގެ ނުކުޅެދުންްތެރިކަން ހުރި މީހުންގެ އަދަދަކީ 2 އެވެ.

އެހެން ނަމަވެސް 2019 ވަނަ އަހަރު އެ އަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރު ވެފައެވެ. މިދިޔަ އަހަރު ޖެންޑާގެ ބެލުމުގެ ދަށަށް ހާއްސަ އެހީއަށް ބޭނުންވާ 41 މީހަކު ގެންދިޔަ އިރު، އޭގެ ތެރެއިން 28 މީހުންނަކީ ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ހުރި މީހުންނެވެ. އަދި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހާއްސަ އެހީއަށް ބޭނުންވާ 12 މީހަކު ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު، އޭގެ ތެރެއިން 6 މީހުންނަކީ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުރި މީހުން ކަމަށް ތަފާސް ހިސާބުތަކުން އެނގެއެވެ.