ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަން "ބުރެވި" ތޫފާން މިހާރު ހުރީ ހއ. ކެލާ ކެލާގެ އިރު އުތުރުން 770 ކިލޯމީޓަރު ދުރުގައި ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.

މެޓް އޮފީހުން މެންދުރު ފަހު 02:30 އިން މިރޭ 02:30 އަށް ވައިޓް އެލާޓު ނެރެފައިވާއިރު މެޓް އޮފީހުން ބުނީ "ބުރެވި" ތޫފާން މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަޑަކަށް 760 ކިލޯމީޓަރު ދުރުން ގަލްފް އޮފް މަނާރުގައި ކަމަށެވެ. އަދި ތޫފާން ދަތުރުކުރަމުންދަނީ ހުޅަގު- ހުޅަގުދެކުނުން، އިންޑިޔާގެ ކުމާރީގެ އައްސޭރި ފަށާއި ދިމާލަށް ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ތޫފާން މިއަދު ހަވީރާއި މިރޭގެ ވަގުތެއްގައި އިންޑިއާގެ އަށްސޭރިފަށަށް އެ ތޫފާން އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ.

ތޫފާނުގެ އަސަރުތައް ރާއްޖެއަށް ކުރަމުންދާއިރު ރާއްޖޭގެ ސަރަހައްދުތަކުގައި ވައި ގަދަވެ، ބައެއް ހިސާބުތަކަށް ވިއްސާރަ ކުރެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ހުރިހާ ސަރަޙައްދަކަށްވެސް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އުދައިގެ އަސަރުވެސް ބައެއް ސަރަޙައްދުތަކަށް ކުރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.