ނިމިގެން މިދާ 2020 ވަނަ އަހަރަކީ ދިރިއުޅުމާ މެދު ތަފާތު ނަޒަރަކުން ދުށުމަށް، މި ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް މަޖުބޫރު ކުރުވި އަހަރެކެވެ. އެކި ފަންތިއާއި އެކި ގިންތީގެ މީހުންނަށެވެ. އެއް އަމާޒަކަށް އެންމެން މިސްރާބު ޖެހީ، ވައިރަސް ނައްތާލުމަށެވެ. އެ ދަތުރުގައި، ހަޔާތުގެ އެތައް ސޮފުހާއެއްގެ ބާބު ބަދަލުވީވެސް މަދު ބައެއްގެ ނޫނެވެ.

ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަން ޖެހުނު ލޮކްޑައުންއާއި، ދަތުރުފަތުރުގެ ހުރަސްތަކާއެކު ހަޔާތުގެ ބައިވެރިއާއި ޖެހޭ މައްސަލަތައް އިތުރުވި ވާހަކައަކީ އާ ވާހަކައެއް ނޫނެވެ.

ހަޔާތުގެ ބައިވެރިޔާގެ ސިއްރު ލޯބިވެރިއަކު ހުންނަކަމާ، އެ ބައިވެރިޔާގެ ހަގީގީ ކުލަވަރު ކަޝްފުކޮށްލި ބަލިމަޑުކަމަކީވެސް ކޮވިޑް-19އެވެ. ލޮކްޑައުންގައި ތިބެންޖެހުމާއި، ގޭގައި އޮފީސް ހިންގަންޖެހުނީ އާންމު ދިރިއުޅުމުގެ މައްސޫލިއްޔަތު ދެގުނަ ވަމުންނެވެ. ދަރިން ފޮނުވާނެ ސްކޫލަކަ، ޑޭ ކެއާއެއް ނެތުމާއި، މާލީ ތަނަވަސްކަން ކުޑަވުމާއި، ސިއްހީ ކުއްލި ނުރައްކަލެއް ކުރިމަތިވެފައި އޮތުމުން އިހު އުޅުނު ދިރިއުޅުން ކުއްލި ގޮތަކަށް އެނދުމަތި ކުރަން ޖެހުމުގެ ތަކުލީފު ފޯރީ ސީދާ ޒާތީ ދިރިއުޅުމަށެވެ.

ކޮވިޑް-19ގެ ލޮކްޑައުންގައި ސައުދީ އަރަބިއްޔާގައިވެސް ވަރީގެ މައްސަލަ ވަނީ އިތުރުވެފަ / ފޮޓޯ: އަލްބިލާދުޑެއިލީއިންގްލިޝް

މިކަމަށް ހައްލު ހޯދުމަށް ކައުންސިލިންގްއާއި ތެރަޕީ ހޯދާ ޖޯޑުތަކުގެ އަދަދުވެސް އަންނަނީ އިތުރު ވަމުންނެވެ. ފްލޮރިޑާގައި މަސައްކަތް ކުރާ ސައިކޯތެރަޕިސްޓެއް ކަމަށްވާ ޑރ މާލީ ފިއޯމަން ވިދާޅުވާ ގޮތުގައި، އެންމެ ގިނަ ކްލަޔަންޓުންގެ ޝަކުވާއަކަށްވީ، ގޭތެރެގެ މަސައްކަތްތައް ހިއްސާ ކުރުމުގައި އިންސާފެއް ނެތް ކަމުގެ ޝަކުވާއެވެ.

"12 އަހަރުވީ އެކީގަ އުޅޭތާ. 2 ދަރިންވެސް އެބަތިބި. 24 ގަޑިއިރު ގޭގައި 4 މީހުން ތިބެން ޖެހުމާއި، ގޭގައި ހުރި އެންމެ ތަނެއްގައި އޮފީސް ހިންގަން ޖެހުމާއި، ދެންވެސް ކުރިމަތިލާން ޖެހުނު ކަންތައްތައް، އެއްކަން އަނެއް ކަމާ ނުގުޅުނު. ރުޅިއަންނަ ފަހަރުވެސް އާދޭ. މާސްކު އެޅުމާއި، ގެއަށް އެނބުރި އައިސް ފެންވަރާ ސާފުވުމަކީ އެންމެންވެސް ސީރިއަސް ކޮށް ނެގި ކަމަށް. އެކަމަކު، އަހަރެންގެ ފިރިމީހާއަށް އެކަން ސީރިއަސްއެއް ނުވި. އޭރު ވަރަށް ރުޅިގަދަވި" ލޮކްޑައުންގެ މައްސަލަތަކުގެ ފެށުން ހިއްސާ ކުރަމުން، އުމުރުން 31 ރަފޭލާ ކެރޮލައިން ފެރިއޭރާ ކިޔައިދިނެވެ.

މާޔޫސްވެފައިވާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް / ފޮޓޯ: ކެރިލިއޮންލިވިންގް

އިނގިރޭސިވިލާތުގައި ކުރިއަށް ގެންދިޔަ ސާވޭއަކަށް ބަލާއިރު، ހަޔާތުގެ ބައިވެރިޔާއާ އޮތް ގުޅުމަށް އިތުރު ޕްރެޝަރެއް ކުރިމަތިވި ކަމަށް، 4 ބައިކުޅަ 1 ބައި މީހުން ވަނީ ބުނެފައެވެ. އަދި ހަޔާތުގެ ބައިވެރިއާ އާ ހެދި އުނދަގޫ ވާ ކަމުގެ އިހުސާސް ކުރެވިގެންވެސް މީހުން ރިޕޯޓް ކޮށްފައި ހުއްޓެވެ.

މިއާ ހިލާފު ސާވޭ ނަތީޖާވެސް އެބަހުއްޓެވެ. ލޮކްޑައުންގެ ސަބަބުން ގުޅުން ވަރުގަދަ ވެފައިވެސް އެބަހުއްޓެވެ. ހަމަ މިފަދައިން، ވަރީގެ ސިއްކަވެސް ޖަހާފައި އެބަހުއްޓެވެ. އިނގިރޭސިވިލާތާއި އެމެރިކާގައި ވަރީގެ މައްސަލަތަކުގައި ވަކާލާތު ކުރާ ވަކީލިންގެ ކްލަޔަންޓުންގެ އަދަދު، ލޮކްޑަންއާ ގުޅިގެން އިތުރުވިއެވެ. 70 ޕަސެންޓް އިތުރުވެފައިވެސް އެބަހުއްޓެވެ. ސައުދީ އަރަބިއްޔާ، އިންޑޮނޭޝިއާ އަދި ޗައިނާގައިވެސް މިކަން ހިނގިއެވެ.

ކޮވިޑް-19ގެ ލޮކްޑައުން ވީ، "މަސައްކަތް ނުކުރާ" ގުޅުމެއް އޮތް ހަޔާތުގެ ބައިވެރިއާގެ ހަގީގަތް އަންގައި ދިން ބަލިމަޑުކަމަކަށެވެ. ކުރިން އެކުގައި އެހާ ގިނަ ވަގުތު ހޭދަ ނުވެ އޮތުމުން ނުފެނި ހުރި އެތައް ކަމެއް ފެނި، ނޭނގި ހުރި އެތައް ކަމެއް އަންގައިދިން ކަމަކަށެވެ. ދިރިއުޅުމުގެ މައިދާނުގައި ހޯދުނު ހަޔާތުގެ ބައިވެރިޔާއާއި އޮތް ގުޅުމުގައި ޖަހާނީ އެކުގައި ކުރިއަށް ދިއުމުގެ ސިއްކަ ތޯ ނުވަތަ ވަރީގެ ސިއްކަތޯ ކަށަވަރުކޮށްދިން ބަލިމަޑިކަމަކަށްވެސް ކޮވިޑް-19 ވެއްޖެއެވެ.