ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ޑިޕްރެޝަން "ބުރެވި" ތޫފާން މިހާރު ސްރީލަންކާގެ އިރުމަތީ އައްސޭރި ހުރަސްކޮށް އެއްގަމަށް އަރައިފައިވާ ކަމަށާއި މިއަދު ހެނދުނު ކޮމޮރިންގެ ސަރަހައްދު ތަކަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުދެކުނުން ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަ ވަމުން ދާ ކަމަށެވެ.

މެޓް އޮފީހުން ރޭ ދަންވަު 02:30 އިން މިއަދު 02:30 އަށް ވައިޓް އެލާޓު ނެރެފައިވާއިރު އެއިދާރާއިން ބުނީ "ބުރެވި" މިހާރު ހުރީ ކެލާގެ އިރުއުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރު ދުރުގައި ކަމަށާއި އެ ތޫފާނު ދަތުރުކުރަމުންދަނީ ހުޅަނގު-ހުޅަނގު އުތުރަށް ރާއްޖޭގެ އުތުރުން ގަލްއޮފް މަނާރަށް ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

އޭގެ އިތުރުން ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އުދައިގެ އަސަރުވެސް ބައެއް ސަރަޙައްދުތަކަށް ކުރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ޑިސެމްބަރު 2 ވަނަ ދުވަހާއި 3 ވަނަ ދުވަހު، ޓެމިލް ނާޑޫގެ ސަރަހައްދުތަކަށް ގަދައަށް ވިއްސާރަ ކުރާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ކެރެލާގެ ދެކުނުގެ ސަރަހައްދުން، ތިރިވަނަންތަޕޫރަމްއާއި ކޯލަމްއަށް މިއަދު ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ހަބަރު ލިބެއެވެ.

ތޫފާން ބުރެވީގެ ނުރައްކާ، އިންޑިއާއާއި ސްރީލަންކާއަށް ކުރިމަތިވެފައި ވާއިރު، މި ތޫފާނުގެ ކޮޅިގަނޑުގައި، ގަޑިއަކު 55-75 ކިލޯމީޓަރު ބާރު މިނުގައި، ކުރިއަށް އޮތް 2 ދުވަހު ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މިއާއެކު، ހަފުތާ ނިމެންދެން، މަސްވެރިން، މަހަށް ނުގޮސް މަޑު ކުރުމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.

އިންޑިއާގެ ޓެމިލް ނާޑޫ ސަރަހައްދަށް އަނެއްކާވެސް ތޫފާނެއް ކުރިމަތިވެފައި މިވަނީ، ތޫފާން ނިވާރް ކުރިމަތިވިތާ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ތޫފާނުގައި 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.