މާރުކޭޓްތަކާއި މިސްކިތްތަކާއި ޕާކްތަކާއި އެނޫންވެސް އެފަދަ އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ އެ މީހުންނާ ދޭތެރޭ ގަވައިދުން ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މާލޭ ސިޓީގެ މާރުކޭޓްތަކާއި މިސްކިތްތަކާއި ޕާކްތަކާއި އެނޫންވެސް އެފަދަ އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅެމުންދާ ފަރާތްތައް އެފަދަ ތަންތަނުގައި ދިރިއުޅޭ ފަދަ ގޮތަކަށް އުޅުމަކީ ކުރިން ވެސް މަނާ ކޮށްފައިވާ ކަމެއްކަމަށް ހަނދާން ކޮށްދޭ ކަމަށެވެ.

އެ އިއުލާނުގައި ބުނީ މުޖުތަމައުގައި އަށަގަންނަމުންދާ ނުރަނގަޅު އާދައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ " ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލަ " އަށް ހައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ޖެންޑާ މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމަކީ އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއި ހިދުމަތްތަކާއި ވަގުތީ ރައްކާތެރިކަން ކަށަވަރުކޮށްދީ ބޭނުންވާ އަސާސީ ހައްގުތައް (ކާބޯތަކެއްޗާއި، އަންނައުނާއި، ބޯހިޔާވަހިކަން) ހޯދައިދޭ ޕްރޮގްރާމެއް ކަމަށެވެ.

އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަކަށް ވާތީ އެފަދަ އެ ޕްރޮގްރާމަށް އެއްބާރުލުން ދީ، ޕްރޮގްރާމްގައި ބައިވެރިވުމަށް ވަނީ އެދިފައެވެ.

ސަރުކާރުން އެ ފަދަ ޕްރޮގްރާމެއް އިއުލާންކުރެއްވުމުން އެ ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި މިސްކިތްތަކާއި ޕާކްތަކާއި އެނޫންވެސް އެފަދަ އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ އެފަދަ މީހުންނާ ދޭތެރޭ ގަވައިދުން ފިޔަވަޅު އަޅާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ކޮވިޑް19ގެ ހާލަތުގައި ބޯހިޔާވަހިކަމެއް ނެތި އުޅުނު މީހުންނަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު މާލޭގައި އިއުލާންކުރި ލޮކްޑައުންއާ ގުޅިގެން މަގުމަތިވި 500 އަށް ވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ފޯރުކޮށްދީފައިވެއެވެ.

ނަމަވެސް އެ މަސައްކަތް ސަރުކާރުން މިދިޔަ އޯގަސްޓު މަހުން ފެށިގެން ހުއްޓާލިއިރު، މާލޭގައި މަގުމަތިވާ މީހުންގެ އަދަދު އަނެއްކާވެސް ގިނަވަމުންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ދިނުމުގެ މަގުސަދުގައި ކަމާ ގުޅުންހުރި ދާއިރާތަކާއިއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު އަނެއްކާވެސް ފަށާފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މާލޭގައި ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާ ފަރާތްތަކާއި ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް ހާއްސަ ކުރެވިފައިވަނީ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.