ގެދޮރުވެރިކުރުން ޕްރޮގްރާމްގެ ދަށުން މާލެ، ހުޅުމާލެ އާއި އަތޮޅު ތެރެއިން ދޫކޮށްފައިވާ ފްލެޓު އަދި ހައުސިން ޔުނިޓުތަކުން ސަރުކާރަށް ދައްކަންޖެހޭ ކުލިގެ ތެރެއިން ވޭތުވި ތިން މަހުގެ ކުލި ފަސްކުރަން އެދި ހުށަހަޅަންޖެހޭ މުއްދަތު މި މަހުގެ 15 އަށް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން ބުނީ، ކޮވިޑްއާ ގުޅިގެން މާލެއާއި ހުޅުމާލެ އަދި އަތޮޅު ތެރެއިން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓްތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލީގެ ތެރެއިން މިދިޔަ ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ކުލި ފަސްކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހަމަވެފައި ކަމަށެވެ. ނަމަވެސް އެ 3 މަހުގެ ކުލި ފަސްކޮށްދިނުމަށް އެދި ވަރަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން ދާތީ އެ 3 މަހުގެ ކުލި ފަސްކޮށްދިނުމަށް އެދޭ ފުރުސަތު މި މަހުގެ 15ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ކުލި ފަސްކުރުމަށް ބޭނުންވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އައިޑީކާޑުގެ ކޮޕީއާއި ގުޅޭނެ ފޯނު ނަންބަރު އަދިހައުސިންއާ އެކު ހަދާފައިވާ އެގްރީމެންޓް ނަމްބަރު އެނގޭނެ ގޮތަށް [email protected] އީމެއިލް އަށް މެއިލްކުރުމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ. އަދި ކުލި ފަސްކުރުމަށް ކުރިން މިނިސްޓްރީ ކުރި އިއުލާނާއި ގުޅިގެން އެކަމަށް އެދި ހުށަހެޅި ފަރާތްތަކުން އެކަމަށް އެދެން ނުޖެހޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ކުލި ފަސްކުރުމަށް އެދޭ ފަރާތްތަކުގެ ސަމާލުކަމަށް އެ މިނިސްޓްރީން ބުނީ، ކުލި ފަސްކުރާ މުއްދަތުގައި މެއިންޓެނަންސް ފީ ދައްކަން ޖެހޭނެ ކަމަށާއި ކުލި ފަސްކުރާ މުއްދަތު ހައުސިން މިނިސްޓްރީއާއެކު ކުރިން ހެދިފައިވާ އެގްރީމެންޓަށް އިތުރުކުރެވޭނެ ކަމަށެވެ.