"އާއްމުންގެ އެކުވެރި ގުޅުން"ގެ ނަމުގައި ބޯހިޔާވަހިކަމަށް އަޑުއުފުލާ އަމިއްލަ ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ.

އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި އެނޫންވެސް އިޖުތިމާއީ މައްސަލަތަކުގައި އާއްމުންގެ އަޑު އުފުލައިދިނުން ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އޭގެ އިތުރުން އެފަދަ މައްސަލަތަކުގައި އާއްމުންނަށް އެކުވެރިކަމާއެކު އިދާރާތަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާނެ މާހައުލެއް ހޯދައިދިނުން ކަމަށް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

މިއީ ވައިބާ ކޮމިއުނިޓީ "ކޮތަރު ކޮށި" ގްރޫޕް ހިންގާ ފަރާތްތަކުން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

މިވަގުތަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރިއަށް ގެންދާނީ ހިޔާ ފްލެޓާއި ގުޅުން ހުރި މަސައްކަތްތައް ކަމަށް އެމަޖިއްޔާއިން ވަނީ ބުނެފައެވެ.

އެޖަމިއްޔާއިން ބުނީ "ކޮތަރު ކޮށި" ގްރޫޕުގެ 3،700 މެންބަރުންގެ ހައްގުގައި ރާއްޖޭގެ މައި ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަން އެދިފައިވާ ކަމަށެވެ.

"ހިޔާ" މަޝްރޫއުގެ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ H7 ކެޓަގަރީގެ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ.

އެ ލިސްޓުތަކުގައި ފްލެޓަށް ހުށަހެޅި މީހުންގެ ވަނަވަރާއި ޕޮއިންޓް ލިބިފައިވާ އަދަދު އަދި ކުރިން ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލް ވެސް ވަނީ ހިމަނައިފަ އެވެ. އެ ކެޓަގަރީއަށް 7808 މީހަކު ޝަރުތު ހަމަވެއެވެ. އަދި ފްލެޓަށް އެދުނު މީހުންގެ ތެރެއިން 1248 މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް ލިސްޓުގައިވެއެވެ.