ގދ.ތިނަދޫ ފަޅުތެރޭގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ ދޯންޏެއްގައި ގޭސް ފުޅިއެއް ލީކްވެގެން ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކު މަރުވެއްޖެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރު 12:34 ހާއިރު އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހާދިސާގައި އިތުރު ފަރުވާ އަށް އެ ހޮސްޕިޓަލަށް ގެންދިޔަ މީހަކު މިއަދު ހެނދުނު 8:35 ހާއިރު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައިވާ ކަމަށެވެ. މަރުވެފައިވަނީ ދިވެއްސެއް ކަމަށް މައުލޫމާތު ލިބެއެވެ.

40 އަހަރުގެ އެމީހާ މާލެ ގެނައިއިރު ވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފައެވެ.

އެ ހާދިސާ ހިންގަން މެދުވެރިވީ ގޭސް ފުޅިން ގޭސް ލީކް ވެގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހާދިސާގައި އެ ދޯނީގައި ތިބި 4 ދިވެހިންނަށް އަނިޔާވެފާވެއެވެ. އެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުގެ ބޮޑުބައެއް ފިހުނެވެ.