ރާއްޖޭގެ ކަރަންޓީނު މުއްދަތު 10 ދުވަހަށް ކުރު ކުރުމުގެ މަޝްްވަރާތައް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަރަންޓީނު މުއްދަތު ކުޑަ ކުރުމާ ބެހޭ މަޝްވަރާތައް ރޭ ވަނީ ކޮށްފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ރަސްމީ އިދާރާއަކުން މިކަން ހާމަ ކޮށްފައެއް ނުވެއެވެ. މިކަން ހާމަ ކޮށްފައި ނުވާއިރު، އެއްވެސް ރަސްމީ އިދާރާއަކުން މިކަން ދޮގު ކޮށްފައެއް ވެސް ނުވެއެވެ.

މި ބަދަލު ގެންނަން ނިންމާފައި ވަނީ ކަރަންޓީނު ވުމާ ބެހޭގޮތުން އާންމުންގެ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން، މާލެއިން ރަށްރަށަށް ދަތުރުކުރާ އާންމު ރައްޔިތުންނާއި ރިސޯޓު ތަކުން ރަށްރަށަށް ދާ ރިސޯޓް މުވައްޒަފުން 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހޭއިރު ކަރަންޓީނުން އިސްތިސްނާ ވާ ބަޔަކު އުޅޭތީއެވެ.

ކަރަންޓީނުން އިސްތިސްނާ ވަނީ ރަސްމީ މަސައްކަތުގައި ކަރަންޓީނު ވުމަކާ ނުލާ ރަށްރަށަށް ގޮސް އުޅުމަށް ހާއްސަ ހުއްދަ ލިބޭ ފަރާތްތަކާއި ފަތުރުވެރިންނެވެ. ކަރަންޓީނު ވުމުގައި ހަމަހަމަ ގޮތެއް އަދި ލުއި ގޮތެއް ހަމަޖައްސައި ދިނުމަށް އެދި ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ކަރަންޓީނު މުއްދަތު ކުރު ކުރުމުގެ މަޝްވަރާތައް ކޮށްފައި ވާއިރު، ކަރަންޓީނު ކުރުމުގައި ދުނިޔޭގެ އެކި ގައުމުތަކުން ގެންގުޅެނީ އެކި މިންގަނޑުތަކެވެ. ނަމަވެސް އަދިވެސް ކަރަންޓީނު ކުރުމުގެ އެންމެ ރައްކާތެރި މުއްދަތަކީ 14 ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.