ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާގެ ހައިބަތު ކަށަވަރު ކުރުމަށް އެގައުމުން ފަށާފައިވާ އަމާޒުގެ ތެރެއިން، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކުރާ ދަތުރުފަތުރާ ބެހޭ މައުލޫމާތު ހަލުވި ދުވެލީގައި ހިއްސާ ކުރުމަށް، ދިވެހިރާއްޖެވެސް ހިމެނޭހެން 21 ގައުމަކާއެކު އިންޑިއާގެ އަސްކަރިއްޔާއިން އިއްތިހާދީ އެއްބަސްވުމަކަށް އަތުވެއްޖެއެވެ.

މި އެއްބަސްވުމުގައި 21 ގައުމެއްގެ އިތުރުން، އެއް ގައުމަށް ވުރެ ގިނަ ގައުމުގައި އޮޕަރޭޓް ކުރާ 22 އިދާރާއެއްވެސް ބައިވެރި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮންމެ ވަގުތަކަށް ބެލި ކަމުގައި ވީ ނަމަވެސް، އިންޑިއާ ކަނޑުގެ ސަރަހައްދު ބޭނުން ކުރަމުން ދާ 12000 ބޯޓާއި، 300 މަސްބޯޓުގެ ހަރަކާތްތައް، އިންޑިއާގެ އަސްކަރިއްޔާއިން މޮނިޓާ ކުރެއެވެ. މީގެ އިތުރުން އިންޑިއާގެ ކަނޑޫގެ ސަރަހައްދުގައި ހަރަކާތްތެރިވާ އެ ގައުމުގެ 3 ލައްކައަށް ވުރެ ގިނަ މަސްދޯނިފަހަރުގެ ހަރަކާތްތައްވެސް އިންޑިއާގެ އަސްކަރިއްޔާއިން ގަވައިދުން ބަލައެވެ.

އިންޑިއާގެ ކަނޑުގެ އަސްކަރީ މަނަވަރު އަރުމާދެއް / ފޮޓޯ: ޑީއެންއޭ އިންޑިއާ

ދުނިޔޭގެ ނިސްބަތުން ކުރާ ކަނޑު ދަތުރުފަތުރުގެ 75 ޕަސެންޓް ހިއްސާ ކުރަނީ އިންޑިއާ ކަނޑުގެ ސަރަހައްދެވެ. މުޅި ދުނިޔޭގެ ބޭނުމަށް ސަޕްލައި ކުރާ މުދަލުގެ 50 ޕަސެންޓް ހުރަސް ކުރަނީވެސް މި ސަރަހައްދުންނެވެ. މިއާއެކު، އެއް ގައުމަށް ވުރެ ގިނަ ގައުމުގެ ސަލާމަތީ މަސްލަހަތު ހިމެނޭ ސަރަހައްދަކަށް އިންޑިއާ ކަނޑުގެ ސަރަހައްދު ވަނީ ވެފައެވެ.

އަލަށް އެކުލަވާލި އިއްތިހާދާއެކު، އިންޑިއާ ކަނޑުގެ ހަރަކާތްތަކާ ބެހޭ ރިއަލް-ޓައިމް މައުލޫމާތު އިންޑިއާ އަސްކަރިއްޔާއަށް މިހާރު ލިބެމުން ދަނީ އިންފޮމޭޝަން ފިއުޝަން ސެންޓަރު މެދުވެރިކޮށެވެ. މި ސެންޓަރަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ގާއިމު ކުރި ތަނެކެވެ.

މި އިއްތިހާދުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން ދެން ހިމެނެނީ، އޮސްޓްރޭލިއާ، ފަރަންސޭސިވިލާތް، އިޓަލީވިލާތް، ޖަޕާން، އެމެރިކާ، ނިއުޒީލަންޑް، މޮރިޝަސް، މިޔަންމާ އަދި ބަންގްލަދޭޝް ފަދަ ގައުމުތަކެވެ.

އިންޑިއާއިން ބައިވެރިވި ކަނޑުމަތީގެ އަސްކަރީ ތަމްރީނުތަކެއްގެ ތެރެއިން

ފަރަންސޭސިވިލާތާއި، ޖަޕާން އަދި އެމެރިކާގެ ލިއޭޒަން އޮފިސަރުން މިހާރުވެސް ދަނީ އިންފޮމޭޝަން ފިއުޝަން ސެންޓަރުގައި މަސައްކަތް ކުރަމުންނެވެ. މިހާރު މުޅި ދުނިޔެއަށް އާންމު ވެފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ތަންފީޒު ކުރަމުން އަންނަ ހާއްސަ ހާލަތު ބަދަލު ވުމުން، އެހެން ގައުމުތަކުގެ ލިއޭޒަން އޮފިސަރުންވެސް އިންޑިއާއަށް ދަތުރު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި ފަހަކަށް އައިސް އިންޑިއާއިން ވަނީ، ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގަން ފަށާފައެވެ. އެގޮތުން، އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާއާއެކު ކުރިއަށް ގެންދިޔަ "މަލާބާރު" ތަމްރީނުތައް ފާހަގަ ކުރަންޖެއެވެ.