ބޮޑެތި މައްސަލަތައް ނިންމަން ރިސެސްގެ މުއްދަތުގައި ޝަރިއަތްތައް ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފިއެވެ.

ހައި ކޯޓުން ބުނީ އެކޯޓުގެ ނުނިމިހުރި މައްސަލަތައް މަދުކުރުމަށްޓަކައި މި އަހަރުގެ ރިސެސްގެ މުއްދަތުގައި ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.

ކޮންމެ އަހަރަކުވެސް ޑިސެންބަރު މަހު އެ ކޯޓު ރިސެސްއަށް ދެއެވެ. އަދި މުހިންމު ބައެއް ޝަރީއަތްތައް އެމުއްދަތުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހައިކޯޓުގެ އިތުރުން އަންނަ މަހުގެވަނަ ދުވަހުން ފެށިގެން ޖަނަވަރީ 03، 2021 ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު ވެސް އޮންނާނީ ރިސެސްގައެވެ.

އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުން ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ ހާލަތްތައް ފިޔަވައި ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށް ސްޕްރީމް ކޯޓުން ބުނެއެވެ.

އެހެންނަމަވެސް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި އެނޫންވެސް ކޯޓުގެ އިދާރީ އެހެނިހެން މަސައްކަތްތައް ރިސެސްގެ މުއްދަތުގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އެކޯޓުން ވަނީ ބުނެފައެވެ.