މާލޭގައި މަގުމަތިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން އަލުން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމާއި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ދިނުމުގެ މަގުސަދުގައި ކަމާ ގުޅުންހުރި ދާއިރާތަކާއިއެކު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަނެއްކާވެސް ފަށާފައިވާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މާލޭގައި ބޯހިޔާވަހިކަމެއް ނެތި ދިރިއުޅެމުންދާ ފަރާތްތަކާއި ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް ހާއްސަ ކުރެވިފައިވަނީ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިންވެސް ކޮވިޑް19ގެ ހާލަތުގައި ބޯހިޔާވަހިކަމެއް ނެތި އުޅުނު މީހުންނަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު މާލޭގައި އިއުލާންކުރި ލޮކްޑައުންއާ ގުޅިގެން މަގުމަތިވި 500 އަށް ވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ފޯރުކޮށްދީފައިވެއެވެ.

ނަމަވެސް އެ މަސައްކަތް ސަރުކާރުން މިދިޔަ އޯގަސްޓު މަހުން ފެށިގެން ހުއްޓާލިއިރު، މާލޭގައި މަގުމަތިވާ މީހުންގެ އަދަދު އަނެއްކާވެސް ގިނަވަމުންދާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.