ޓެރަރިޒަމް މައްސަލައަކާ ގުޅިގެން ފުލުހުން ހިންގަމުން ދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން މި މަހުގެ 11 ވަނަ ދުވަހު ހައްޔަރު 6 މީހުންގެ ތެރެއިން 5 މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މަހުގެ 11 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި 5 މީެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ. މީގެ އިތުރުން އިއްޔެ ތިމަރަފުށިން ހައްޔަރު ކުރި 2 މީހުންގެ ބަންދުގައި ބެހެއްޓުމުގެ މުއްދަތަށް 7 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

މި މައްސަލައިގައި ޖުމްލަ 8 މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ވާއިރު، އިއްޔެ ހައްޔަރު ކުރީ 28 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. އަދި މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރި މީހުންނަކީ އުމުރުން 31 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެކެވެ. މިއީ ހުސް ދިވެހި ފިރިހެނުންނެވެ.

މި މީހުންގެ ތެރެއިން އުމުރުން 18 އަހަރުގެ ޒުވާނާއަށް އެންމެ ފުރަތަމަ ބަންދުގެ މުއްދަތަށް ދީފައި ވަނީ 5 ދުވަހެވެ. އެ މުއްދަތު ހަމަވުމުން ވަނީ އިތުރު 15 ދުވަސް ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ތިމަރަފުށީ އެއާއޕޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކާއި ޓީޗަރެއް ހިމެނެއެވެ.

ޓެރަރިޒަމް އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެކަން ހުއްޓުވުމަށް ފުލުހުން ފެށި މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މި އޮޕަރޭޝަން ވަނީ ތިން ސަރަހައްދެއްގައި ހިންގާފައެވެ. އެއީ ތިމަރަފުއްޓާއި މާލެއާއި މާލެ ސަރަހައްދު ކަނޑުމަތީގައެވެ. މިހާރުވެސް ފުލުހުން ދަނީ ތިމަރަފޫށީގައި ހަރަކާތްތެރިވަމުންނެވެ.