ޓެރަރިޒަމް މައްސަލައަކާ ގުޅިގެން ފުލުހުން ހިންގަމުން ދާ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ތ. ތިމަރަފުށިން އިއްޔެ ހައްޔަރު ކުރި 2 މީހުންގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިމަރަފުށިން އިއްޔެ ހައްޔަރު ކުރި 2 މީހުންގެ ބަންދާ މެދު ގޮތެއް ނިންމާފައި ވަނީ ތ. އަތޮޅު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެ ކޯޓުން ނިންމާފައި ވަނީ އެ ދެމީހުންގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

އިއްޔެ ހައްޔަރު ކުރި 28 އަހަރުގެ މީހާއާއި 34 އަހަރުގެ މީހާއަކީ އެ ރަށު އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އިތުރުން ޓީޗަރެކެވެ. އަދި މި މަހުގެ 11 ވަނަ ދުވަހު އެ ރަށުން ހައްޔަރު ކުރި ދެމީހުންގެ ތެރޭގައި ވެސް އެއާޕޯޓު ޕަވާ ހައުސް ގައި މަސައްކަތް ކުރާ މީހަކު ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދިވެސް ފުލުހުންގެ ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށެވެ. އެ ގޮތުން މިވަގުތު އެ ރަށުގައި ފުލުހުންގެ އިތުރުން ޖެންޑާގެ ޓީމެއްވެސް ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި މިހާރު ރަށުގެ އާންމުންނާއި ސްކޫލާއި ސްކޫލް ކުދިންނާ ސުވާލު ކުރުމުގެ ކަންކަން ކުރިއަށް ދާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި އޮޕަރޭޝަން ވަނީ ތިން ސަރަހައްދެއްގައި ހިންގާފައެވެ. އެއީ ތިމަރަފުއްޓާއި މާލެއާއި މާލެ ސަރަހައްދު ކަނޑުމަތީގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިހާތަނަށް އައިރު ފުލުހުން ވަނީ ޖުމްލަ 8 މީހަކު ހައްޔަރުކޮށްފައެވެ. އެއީ މާލެއިން މީހަކާއި ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހެއްގެ އިތުރުން ތިމަރަފުށިން 4 މީހަކެވެ.

ކުރިން ހައްޔަރު ކުރި 6 މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތަށް ވަނީ 15 ދުވަސް ޖަހާފައެވެ.

ހަރުކަށި ފިކުރުގެ ކަންކަމާ ގުޅިގެން ޝައްކު ކުރެވޭ 15 އަށްވުރެ ގިނަ ގެ ތިމަރަފުށިން ފާސްކޮށްފައިވާއިރު، މާލެއިން ވެސް ވަނީ ގެއެއް ބަލާ ފާސްކޮށްފައެވެ.