ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލަށް ލުމަށް ހުކުމް ކުރިތާ 1 އަހަރު ވުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުޒާހަރާ އޮންނާނީ ކަނޑުމަތީގައި ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރިތާ 1 އަހަރު ވުމާ ގުޅިގެން ރާއްޖޭގެ 185 ރަށެއްގައި މިއަދު މުޒާހަރާ ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ކަނޑުމަތީގައި ކުރިއަށް ގެންދާނީ ހަމައެކަނި މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ މުޒާހަރާތައް ކަމަށް އެ ކޯލިޝަނުގެ އިސްވެރިން ވިދާޅުވެއެވެ. މި މުޒާހަރާތަކުގައި އެޗްޕީއޭގެ ގައިޑްލައިން ތަކަށް އަމަލު ކުރުމަށް އިދިކޮޅުން އިލްތިމާސް ކުރާކަމަށް ބުނެއެވެ.
ކަނޑުމަތީގައި މުޒާހަރާ ކުރުމަށްޓަކައި، ސަޕޯޓަރުން ބޭނުން ކުރާނެ މުދާ އުފުލާ ބޯޓު ތައްޔާރު ކުރުމުގެ މަސައްކަތް އިދިކޮޅުން ދަނީ ކުރަމުންނެވެ.
މި ހަރަކާތާ ގުޅިގެން އިދިކޮޅުގެ އިސްވެރިން ވަނީ ފުލުހަށް ވެސް ހާޒިރު ކޮށްފައެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީއަށް ސިޔާސީ ހަރަކާތް ހިންގިފައި އިދިކޮޅަށް ފުރުސަތު ނެތުމުން އެކަމުގެ ޝަކުވާ ފުލުހުންނަށް ހުށައެޅުއްވި ކަމަށެވެ.
ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރިތާ މިއަދަށް 1 އަހަރު ފުރޭ އިރު، ވޭތުވެދިޔަ އަހަރު ތެރޭގައި އިދިކޮޅުން ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ގިނަ ހަރަކާތްތަކެއް ބާއްވާފައެވެ. އަދި ޖަލަށް ލި މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހަޅާ، މައްސަލައިގެ އަޑުއެހުންތައް ނިމިފައި ވާއިރު، ދެން އޮތީ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމެވެ.
5 އަހަރަށް ޖަލަށް ލުމަށާއި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ ގއ ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަނީ ލޯންޑާ ކުރައްވައިފައިވާ ކަން ސާބިތު ވެގެންނެވެ.